ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ %50 ނިމިއްޖެ

1 ޖޫން 2021 - 10:09

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ އިރު، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.

އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4،582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރީ 2019 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު އެވެ.