ހުޅުމާލެ ފޭސް 2ގައި އިތުރު 2000 ހައުސިން ޔުނިޓު އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި

29 މެއި 2021 - 9:22

ހުޅުމާލެ ފޭސް 2ގެ އިތުރު 2000 ހައުސިން ޔުނިޓު އަޅަން އިންޑިއާގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 2000 ހައުސިން ޔުނިޓު އެޅުމަށް މިއަހަރުގެ މާޗު މަހުގެ ތެރޭގައިވެސް ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސްއާއި ހަވާލުކޮށްފައެވެ.

އޭގެފަހުން އިތުރު 2000 ހައުސިން ޔުނިޓު އެޅުމަށް އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަޝޯކާ ބިލްޑްކޮން ލިމިޓެޑް އާއި ހަވާލުކޮށްފައި މިވަނީ މިމަހުގެ 27ވަނަ ދުވަހުއެވެ.

އިންޖިނިއަރިން ޕްރޮކިއޯމަންޓް އެންޑް ކޮންސްޓްރަކްޝަން(އީޕީސީ) އުސޫލުން އެ 2000 ހައުސިން ޔުނިޓުގެ މަަސައްކަތް އިންޑިއާގެ ކުންފުންޏަކާއި މިފަހަރު ހަވާލުކޮށްފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކުމުގެ މަޝްރޫއުގެ ދަށުން 650 އަކަފޫޓުގެ 2 ކޮޓަރީގެ 500 ޔުނިޓު އަދި 900 އަކަފޫޓުގެ 3 ކޮޓަރީގެ 1500 ޔުނިޓު އިމާރާތްކުރާ ގޮތަށެވެ.

ސަތޭކަ މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއުގެ މަސައްކަތް އެއްކޮށް ފުރިހަމަކޮށް ނިންމާލުމަށް ނަގާނެކަމަށް ލަފާކޮށްފައިވާ މުއްދަތަކީ ތިން އަހަރު ދުވަހެވެ.

އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފަހި ދިރިއުޅުން ކޯޕަރޭޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސަލްފިއްޔާ އަންވަރު ސޮއިކުރިއިރު، އިންޑިއާގެ އަޝޯކާ ބިލްޑްކޮން ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އަޖޭ ކަންކަރިޔާ އެވެ.