އދ. ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި

29 މެއި 2021 - 8:47

އެމް.ޑަބްލިޔު.އެސް.ސީއިން އދ.ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ  ޢަމަލީ މަސައްކަތް ފަށައި މިހާރު އަންނަނީ މި މަސައްކަތްތައް ކުރަމުން ކަމަށް އެކުންފުނިން ބުނެފިއެވެ. މިގޮތުން، މިހާރު ކުރިއަށްދާ މަސައްކަތްތަކަކީ ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގ އިމާރާތުގެ މަސައްކަތްތަކާއި އަދި ފެނުގެ މައި ނެޓްވޯރކުގެ ހޮޅި ވަޅުލުމުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2 އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގީ ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ. މިއާއެކު، ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު މިމަޝްރޫޢުގެ ދަށުން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ހަންޏާމީދޫ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމް.ޑަބްލިޔު.އެސް.ސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިމަޝްރޫޢުގެ އަގަކީ ޖުމްލަ 21,651,878.00 މިލިއަން ދިވެހި ރުފިޔާ އެވެ. މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން ހަންޏާމީދޫގެ ރައްޔިތުންނަށް ރައްކާތެރި ސާފު ބޯފެނުގެ ނިޒާމެއް ލިބިގެންދާނެއެވެ.