ފެންބިލުން %30، ކަރަންޓު ބިލުން %40 ޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

25 މެއި 2021 - 19:08

ކޯވިޑް-19ގެ ޙާލަތުގައި ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުޔެއް ހޯއްދަވައިދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެތެރެއިން މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

މުޅިރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ ފެން ބިލްތަކުން %30 އަދި ކަރަންޓު ބިލްތަކުން %40 ކުޑަކޮށްދެއްވަން ނިންމެވިކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވީ ނޫސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރިމިންވަރަކުން އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާނެކަމަށެވެ. މިގޮތުން އަންނަ މަހުން ފެށިގެން ފޯރުކޮށްދެއްވުމަށް ނިންމެވި އެހީތެރިކަމުގެ ތަފްސީލް ހާމަކުރައްވަމުން ރައީސް ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ، ފެންބިލުން %30 ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ވިޔަފާރި ކުރާ ތަންތަނުން %20 ޑިސްކައުންޓެއް ދިނުމަށް ނިންމާވާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ގޭބިސީ ތަކުގެ ކަރަންޓް ބިލްތަކުން %40، އަދި ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލްތަކުން %20 ޑިސްކައުންޓެއް ދިނުމަށް ނިންމަވާފައިވާކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އިތުރު ލުއިތައްވެސް ރައްޔިތުންނަށް ދިނުމަށްވެސް ސަރުކާރުން މަސައްކަތް ކުރައްވާކަމަށެވެ.

ކޯވިޑް 19ގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކާ ގުޅިގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް 375 މިލިއަން ރުފިޔާގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައާރަފް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ ރައްޔިތުންނަށްޓަކައި މިހާލަތުގައި ސަރުކާރުން ކޮށްދޭން ޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ފިޔަވަޅުތައް އަޅައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އެގޮތުން ރިލީފް ލޯންގެ ގޮތުގައި ސޮފްޓް ލޯންތަކެއް ދޫކުރަން ވަރަށް އަވަހަށް ފައްޓަވާނެ ކަމުގައި ރައީސް ވަނީ އިއުލާންކުރައްވާފަ އެވެ. ލޯން ދޫކުރުމަށް ހަމަޖައްސާފައިވަނީ ބެންކް އޮފް މޯލްޑިވްސް މެދުވެރިކޮށެވެ.

ސޮފްޓް ލޯން ދިނުމަށް ހަމަޖައްސާފައިވަނީ ކެފޭ، ރެސްޓްރޯނަންޓް، ވޯކްޝޮޕް، ސެލޫން ޖިމް ކަހަލަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

ރައީސް ވިދާޅުވީ ސޮފްޓް ލޯން ދިނުމަށްޓަކައި 375 މިލިއަން ރުފިޔާ ނުވަތަ 20 މިލިއަން ޔޫރޯގެ ސްޓިމިއުލަސް ލޯން ޕެކޭޖެއް ތައްޔާރުކުރަމުންދާ ކަމަށެވެ. ކުރިއަށް އޮތް ޖޫން މަހު ލޯންތައް ދޫކުރަން ފެށޭވަރުވާނެ ކަމުގައިވެސް ވިދާޅުވި އެވެ. 20 މިލިއަން ޔޫރޯ ހޯދުމަށް މަސައްކަތް ކުރަމުން ދަނީ ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުންނެވެ.

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް ކަމަށެވެ. އެގޮތުން ސަރުކާރުގެ ތެރެއިން ބޭނުންކުރެވެން ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވި އެވެ. ހުރިހާ ބޭފުޅުން ވެސް ވަކިން ހާއްސަކޮށް އަމިއްލަ ފަރާތްތަކުން މިދަނޑިވަޅުގައި ސަރުކާރަށް އެއްބާރުލުން ދިނުމުގައި އަތުކުރި އޮޅާލުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.