ތަރައްޤީވެފައިވާ ޤައުމުތަކުން ތިމާވެއްޓާ ގުޅޭގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަަކަށް ވާޞިލުވޭތޯ ކޮމަންވެލްތުން ކަށަވަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި

24 މެއި 2021 - 11:33

މިއަހަރު ފަހުކޮޅު ކޮޕް26 ބޭއްވުމަށް ހަމަޖެހިފައިވާ މި ދަނޑިވަޅުގައި ތިމާވެށި ރައްކާތެރިކުރުމުގައި ކުދިޤައުމުތަކުގެ އަޑު އުފުލައިދިނުމަށާއި، ތަރައްޤީވެފައިވާ ޤައުމުތަކުން ތިމާވެއްޓާ ގުޅޭގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަައް އިތުރަށް ހަރުދަނާކޮށް، އެ ލަނޑުދަނޑިތަކަށް ވާޞިލުވޭތޯ ކަށަވަރުކުރުމަށާއި، ދުނިޔެ އިތުރަށް ހޫނުވިޔަ ނުދީ ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭތޯ މަސައްކަތްކޮށްދިނުމަށް ކޮމަންވެލްތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލައްވާފައި ވަނީ މިއަދު ބޭއްވުނު އޭޝިޔާ ސަރަޙައްދުގެ ކޮމަންވެލްތް ލީޑަރުންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު އޮންލައިންކޮށް ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުރާނީ ވަކި ޤައުމަކަށް ނޫންކަމަށާއި، ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ފުރަތަމަ އެކަމުގެ އަސަރު ކުރި ނަމަވެސް ގިނަ ދުވަސް ފާއިތުވާ ވަރަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ހުރިހާ ޤައުމުތަކަށް ވެސް ފޯރާނެކަމުގައެވެ. އަދި، މިކަމުން އަރައިގަތުމަށް ކޮމަންވެލްތް ޢާއިލާގެ ހުރިހާ ޤައުމުތަކާއި ބައިނަލްއަޤްވާމީ ދުނިޔޭގެ އެހެން ޤައުމުތަކުން ގުޅިގެން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް މިހާރުން މިހާރަށް ފިޔަވަޅުތަކެއް އަޅަންވެއްޖެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މި ފިޔަވަޅުތައް އެޅުމުގައި ވަގުތުގެ މުހިންމުކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަރަށް ތަފްޞީލުކޮށް ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވަމުންދާ މޫސުމީ ގޮންޖެހުންތަކުގެ މަޢުލޫމާތު ބައްދަލުވުމުގެ ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި މިދިޔަ ޑިސެންބަރު މަހު ހުށަހަޅާފައިވާ ކްލައިމެޓް ޕްލޭންގައި ވާ ގޮތަށް މިކަމުގެ ޙައްލަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫންކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ވިލުންތެެރިކަން އިތުރުކޮށް، ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވަށްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމުގައެވެ.

އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ކޯވިޑް ގެ ބަލިމަޑުކަމުގެ ސަބަބުން އެހެން ޤައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭގެ ތަރައްޤީގެ ޕްލޭންތަކަށް ރިޢާޔަތްކުރަން ޖެހިފައިވާއިރު، ރާއްޖޭގެ އިޤްތިޞާދުގެ ނާރެހަކީ ކަނޑުފަޅާ ނުހަނު ބޮޑަށް ގުޅިފައިވާ އެއްޗެއް ކަމުގައި ވިދާޅުވިއެވެ. އަދި، މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިޤްތިޞާދުގެ ބޮޑު ބައެއް ހިއްސާކުރާ މަސްވެރިކަމާއި ފަތުރުވެރިކަމަށް ކުރާތަން ފެންނަކަމަށާއި، ރާއްޖޭގެ ޤުދްރަތީ ވަޞީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ހުރިހަާކަމެއް ހޭނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވަމުން އިތުރަަށް ވިދާޅުވީ، ރާއްޖެ ފަދަ ނާޒުކު ޤައުމަކުން އަލުން އިޤްތިޞާދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ވިލުންތެރި ގޮތްތަކެއް ޚިޔާރުކުން މުހިންމުކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ތަރައްޤީކުރުމުގައި ތިމާވެއްޓާ ރައްޓެހި ފެހި މިސްރާބަކަށް ގެންދިޔުމަށް މަސައްކަތްކުރާކަމުގައި ވިދާޅުވެފައެވެ. މިގޮތުން، މި ހިނގާ މޭ މަހުގެ ތެރޭގައި ރާއްޖެއިން ކްލައިމެޓް އިމަރޖަންސީ ޤާނޫނެއް އެކުލަވާލައި އެ ޤާނޫނު ތަޞްދީޤުކޮށްފައިވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި ޤާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ޙިމާޔަތްކުރުމަށްޓަކައި ތަންފީޛުކުރަންޖެހޭ ސިޔާސަތުތައް އެކުލަވާލުމަށާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ބޭނުންވާ ޤާނޫނީ އަދި އިދާރީ އޮނިގަނޑު އެކުލަވާލުމުގެ ގޮތުން އުފެއްދި ޤާނޫނެކެވެ. މި ޤާނޫނުގައި ވާ ގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ވަނީ ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ. އަދި، ބޭނުންވާ ޓެކްނޯލޮޖީއާއި މާލީއެހީތެރިކަމާއެކު މި ލަނޑުދަނޑި ހާސިލުކުރެވޭނެކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ބްލޫ ޕްރޮސްޕެެިޓީ ކޯލިޝަނާއެކު ކުރަމުންދާ ކަނޑުފަޅުގެ ދިރާސާ އަދި މެރިޓައިމް ސްޕޭޝަލް ޕްލޭންގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.

އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތް ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި ތިމާވެށީގެ ރައްކާތެެރިކަން ކަށަވަރުކުރުމަށް ރާއްޖެއިން މިފަދަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ބައިނަލްއަޤްވާމީ ފަރާތްތަކުގެ އެއްބާރުލުމާއި އެކު މެނުވީ ރާއްޖެއިން ތިމާވެއްޓަށް އަންނަ ބަދަލުކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގައި އެދެވޭ ނަތީޖާއެއް ނުނެރެވޭނެ ކަމަށް ވިދާޅުވިއެވެ.