ހދ.ނެއްލައިދޫ ބަނދަރުގެ %70 މަސައްކަތް ނިމިއްޖެ: އެމްޓީސީސީ

20 މެއި 2021 - 14:34

ހދ ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިފައި ވާކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީއިން މިއަދު މައުލޫމާދު ދެއްވަމުން ވިދާޅުވީ، ނެއްލައިދޫގައި ތަރައްގީ ކުރަމުންދާ ބަނދަރުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާތަނަށް ނިމިފައި ވާއިރު، ބަނދަރުގެ ޕޭވްމަންޓު ހެދުމުގެ މަސައްކަތުގެ 86 އިންސައްތަ ނިމިފައި ވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.

2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖަހިފައި ވާކަމަށް އެމްޓީސީސީއިން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫއު އަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 47.62 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.