4 ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފި

31 ޖެނުއަރީ 2021 - 15:02

ހަތަރު ރަށެއްގައި އެއަރޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިޢުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން އިޢުލާން ކޮށްފައިވަނީ ބ.ތުޅާދޫއާއި، ތ.ވިލުފުށްޓާއި، ށ.ބިލަތްފަހި އާއި ހދ. މަކުނުދޫގައި އެއަޕޯޓް އަޅައިދޭނެ ބަޔަކު ހޯދުމަށެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދުމުގެ މަތިން ހުޅުވާލި މިފުރުޞަތުގައި އެމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން “އެކްސްޕްރެޝަން އޮފް އިންޓްރެސްޓް” (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އަދި މިމަސައްކަތްތަކަށް އީ.އޯ.އައި ހުށަހަޅާއިރު އެއްލޮޓަށް ނުވަތަ އެއަށްވުރެ ގިނަ ލޮޓަށް އީ.އޯ.އައި ހުށަހެޅުމުގެ އިޚްތިޔާރު ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކަށް ލިބިގެންވާކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސް 31 ޖެނުއަރީ އިން ފެށިގެން ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ފެބްރުއަރީ 15 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ރާއްޖޭގައި މިހާރުވެސް 14 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަޤްވާމީ ތިން އެއާޕޯޓު އަންނަނީ ހިންގަމުންނެވެ.