އެޗްޑީސީން މިސްކިތް ފަރުމާކުރުމުގެ މުބާރާތެއް ހުޅުވާލައިފި

18 މެއި 2021 - 13:38

މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި އެޗްޑީސީ ގުޅިގެން ހިންގާ މިސްކިތް ޑިޒައިންކުރުމުގެ މުބާރާތަކީ، ދިވެހ ސަގާފަތާއި ގުޅޭ އިހުގެ މިސްކިއްތަކުން މިސާލު ނަގައިގެން ޑިޒައިން ކުރުމުގެ ފުރުސަތު ދިވެހި އާކިޓެކްޓުންނަށް ދިނުމުގެ ބޭނުމުގައި ހިންގޭ މުބާރާތެކެވެ.

މި މަޝްރޫއް އަދި ޑިޒައިން މުބާރާތުގެ ދަށުން ފަރުމާކޮށް ބިނާ ކުރުމަށް ހަމަޖެހިފައިވާ މިސްކިތަކީ ކޯޓްޔާޑާއި އެކު 2،500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އަދި އިސްލާމިކް ސެންޓަރުގައި ލައިބްރެރީއެއްގެ އިތުރުން މީޓިންގ ރޫމް ފަދަ ތަންތަން ހިމެނިފައިވެއެވެ.

ހުޅުމާލޭ ފޭސް 1 ގައި ތަރައްޤީ ކުރެވިފައިވާ ސެންޓްރަލް ޕާކަކީ ހުޅުމާލޭގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކަށް ތަފާތު ގިނަ ހަރަކާތްތަކެއް އެކުލެވިގެންވާގޮތަށް ފަރުމާކުރެވި ތަރައްޤީކުރަމުން އަންނަ ޕާކެކެވެ. މިގޮތުން ހަތަރު ސަރަހައްދެއް އެކި ބޭނުންތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫޢޫގެ މިސްކިތަކާއި އިސްލާމިކް ސެންޓަރެއް ބިނާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މިސްކިތާއި އިންވެގެން ހެދޭ އިސްލާމިކް ސެންޓަރ ފަރުމާކުރުމުގެ ފުރުޞަތު މިވަނީ މި ދައިރާގެ ފަންނީ ދިވެހިންނަށް ހުޅުވާލެވިފައެވެ.

މި މުބާރާތުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރ ވެފައިވާ ދިވެހި އާކިޓެކްޓުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި މުބާރާތުން 1 ވަނައަށް ހޮވޭ ފަރާތަކަށް ނުވަތަ ޑިޒައިންނަކަށް އިނާމެއްގެ ގޮތުގައި 300،000 ދިވެހި ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި 27 މޭ 2021 ގެ ކުރިން ރަޖިސްޓްރޭޝަން ފޯމް ހުށަހެޅުމަށް ވަނީ އިޢުލާން ކުރެވިފައެވެ.

ހުޅުމާލޭގައި ހިންގޭ މަޝްރޫޢުތަކަކީ ވިހާވެސް ގިނަ ރައްޔިތުންތަކެއްގެ ބައިވެރިވުމާއި ހިޔާލާއި އެކު ތަރައްޤީ ކުރެވިގެނދާނެ މަޝްރޫޢުތަކަކަށް ހެދުމަށް މި ކޯޕަރޭޝަންގެ ފަރާތުން ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ. ވަކިން ހާއްޞަކޮށް ސެންޓްރަލް ޕާކަކީ ހުޅުމާލޭގެ ފެހިކަން އިތުރުކޮށް ހުޅުމާލޭގައި ދިރިއުޅޭ ކުދި ބޮޑު ހުރިހާ .ފަރާތްތަކަށްވެސް ބޭނުން ހިފޭނެ ގޮތްތަކަށް ފަރުމާ ކުރެވި ތަރައްޤީ ކުރުވެމުން އަންނަ ޕާކެކެވެ

އިތުރު މައުލޫމާތު: https://bit.ly/3fpj3QV
ރެޖީސްޓްރީ: http://bit.ly/HDCDesignCompetition