އަހުލު ޕްރޮގްރާމްގެ ދަށުން 9 ޢާއިލާއެއް އަތޮޅުތެރެއަށް ބަދަލުކޮށްފި

16 މެއި 2021 - 15:18

ކޮވިޑްގެ ސަބަބުން ކުރިމަތިވި ދަތިތަކާ ގުޅިގެން މާލޭގައި ދިރިއުޅެން ދަތިވެފައިވާ ޢާއިލާތަކުގެ ތެރެއިން އަތޮޅު ތެރޭގެ ރަށްރަށަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން އެފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން “އަހުލު” ގެ ނަމުގައި ޚާއްޞަ ޕްރޮގްރާމްގެ ދަށުން މިހާރުވެސް 9 ޢާއިލާ އަކަށް އަތޮޅުތެރޭގައި ދިރިއުޅެވޭނެ އިންތިޒާމު ހަމަޖައްސައިދެވިފައިވާކަން ޖެންޑާރ މިނިސްޓްރީން ފާހަގަކޮށްފިއެވެ.

ބައިނަލްއަޤުވާމީ ޢާއިލާ ތަކުގެ ދުވަހާއި ގުޅިގެން މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސްއިން ނެރެފައިވާ ބަޔާނެއްގައިވަނީ މިއަހަރުގެ މިދުވަސް ކުރިމަތިވެފައިވަނީ ޢާއިލާތަކަށް އެކި ގޮތްގޮތުން ގިނަ ގޮންޖެހުން ބޮޑު ދުވަސްވަރަކާކަން ފާހަގަކުރައްވާފައެވެ.

މިއަހަރުގެ ޢާއިލާތަކުގެ ދުވަސް ބައްދަލުކޮށްފައި މިވަނީ ކޮވިޑް 19 ގެ ހާލަތު ރާއްޖޭގައި ވަރަށް ބޮޑަށް ގޯސްވެފައި އޮތް ވަޤުތެއްގައެވެ. އެމިނިސްޓްރީން ވިދާޅުވަނީ މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެންމެ ބޭނުންވާ އެއް ކަމަކީ ޢާއިލީ ގުޅުން ބަދަހިކޮށް އޮތުމެވެ ޢާއިލާގެ އެކަކު އަނެކެއްގެ ޙާލު އޮޅުންފިލުވައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މީގެ އިތުރުން، މި ބަލިން ޢާއިލާގެ މެންބަރުން ރައްކާތެރިކުރުމަށްޓަކައި ޢާއިލާގެ ކޮންމެ މެންބަރަކުވެސް ފަރުދީގޮތުން އަދާކުރައްވަންޖެހޭ ޒިންމާ ފުރިހަމައަށް އަދާކުރެއްވުމެވެ. ވަކިން ޚާއްޞަކޮށް ޢާއިލާގައި ތިބި އުމުރުން ދުވަސްވީ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ކޮވިޑް ނުފެތުރޭނެ ގޮތަކަށް ޢަމައްލުކުރެއްވުމަކީ ޢާއިލާގެ އެހެން މެންބަރުން ބޮޑު އިސްކަމެއް ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމެކެވެ. އަދި ބަލީގެ ބާވަތުން ބައްޔަށް ފަރުވާ ކުރުމަށްޓަކައި މެޑިކަލް ފެސިލިޓީ ތަކަށް ގެންދެވޭ ފަރާތްތަކަކީ ޢާއިލާއާ ވަކިން ތިބެންޖެހޭ ފަރާތްތަކެއް ކަމަށްވުމާއެކު އެ ފަރާތްތަކުގެ ޙާލު ވީހާވެސް ގާތުން ބައްލަވަމުން ގެންދެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމަށް އަންގައެވެ.

ކޮވިޑާއި ގުޅިގެން މިދިޔަ އަހަރު މާލެ ސަރަޙައްދުގައި ގެންނަން ޖެހުނު ފުރަބަންދުގެ ހާލަތާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭން ޖެހުނު ޢާއިލާތަކަށާއި، ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދޭންޖެހުނު ފަރާތްތަކަށް އެކަންކަން ފުރިހަމަކޮށްދިނުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ޖެންޑާރ މިނިސްޓްރީން ފާހަގަކުރިމެވެ.

ކޮވިޑްގެ ހާލަތުގެ ސަބަބުން ޢާއިލާތަކުގައި ތިބި އާމްދަނީ ލިބޭ ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލި، ބައެއް ފަރާތްތަކުން އާމްދަނީ ހޯދުމަށްޓަކައި ކުރަމުން އައި މަސައްކަތް ހުއްޓާލަންޖެހުމުގެ އިތުރުން ބައެއް ފަރާތްތަކަށް ލިބެމުން އައި އާމްދަނީ ދަށަށް ދިޔަކަން ޖެންޑާރ މިނިސްޓްރީން ފާހަގަކުރިއެވެ. މިކަންކަމާ ގުޅިގެން ޢާއިލާތަކަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކުރުމަށްޓަކައި، ވަޒީފާ ގެއްލުނު ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސް ފޯރުކޮށްދިނުމާއި، ގެއްލުންތަކުން އަރައިގަތުމަށް ވިޔަފާރި ތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން އާންމު ފަރާތްތަކުން ބައެއް ބޭންކުތައް މެދުވެރިކޮށް ނަގާފައިވާ ލޯންތައް ދެއްކުން ފަސްކޮށްދިނުމާއި، ކަރަންޓާއި ފެންފަދަ އަސާސީ ޚިދުމަތްތަކުގެ ބިލުން ބޮޑު އިންސައްތައެއް ވަކި މުއްދަތެއް ވަންދެން މަޢާފުކޮށްދިނުން ފަދަ ކަންކަން ސަރުކާރުގެ ފަރާތުން ފަހިކޮށްދެވުނުކަންވެސް ފާހަގަކުރިއެވެ.