ތިލަފުށިން ދޫކުރާ ކެމިކަލް ގުދަންތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
11 މެއި 2021 - 11:46
ތިލަފުށިން ދޫކުރާ ކެމިކަލް ގުދަންތަކަށް އެދުމުގެ ފުރުސަތު ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.
އެޗްޑީސީން ބުނީ ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ވެއާހައުސް ޔުނިޓް ކަމަށެވެ.
ތިލަފުށިން ދޫކުރުމަށް ހަމަޖެހިފައިވާ ޔުނިޓުތައް:
U-16 - ޖުމްލަ 786.48 އަކަފޫޓު
U-20 - ޖުމްލަ 288.83 އަކަފޫޓު
U-24 - ޖުމްލަ 288.83 އަކަފޫޓު
U-29 - ޖުމްލަ 827.28 އަކަފޫޓު
އެޗްޑީސީން އިތުރަށް ބުނީ ކެމިކަލް ވެއާހައުސް ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ލީސް މޮޑެލްއެއްގެ ދަށުން ކަމަށާއި އެއީ އަކަފޫޓެއް 15 ރުފިޔާގެ ރޭޓުން ކަމަށެވެ. އަދި ކޮންމެ މަހަކު މެއިންޓެނެންސް ފީއެއްގެ ގޮތުގައި 1000 ރުފިޔާ ނެގިގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ވެއާހައުސެއް ކުއްޔަށް ނެގުމަށް ޓަކައި ޕްރޮޕޯސަލް ހުށައަޅުއްވާ ފަރާތްތަކުން ސަމާލުވުމަށް ބައެއް ކަންކަން އެޗްޑީސީއިން ވަނީ ފާހަގަކޮށްފައިވެއެވެ. އެގޮތުން ތިލަފުށިން ކެމިކަލް ވެއާހައުސެއް ކުއްޔަށް ނަގާފައިވާ ފަރާތަކަށް މި ވެއާހައުސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.
މީގެ އިތުރުން އެޗްޑީސީން ބުނެފައިވަނީ އެ ކުންފުންޏަށް ދައްކަން ޖެހޭ ފައިސާއެއް ނުދައްކާވާ ކުންފުނިތަކަށް ވެސް ވެއާހައުސް ޔުނިޓު ދޫ ނުކުރާނެ ކަމަށެވެ. އަދި އެއްވެސް ސަބަބަކާ ހުރެ ކޯޓު އަމުރެއްގެ ދަށުން ފާއިތުވި 5 އަހަރު ތެރޭ އެއްބަސްވުމެއް ބާތިލް ކުރެވިފައިވާ ފަރާތްތަކަށް ވެސް ވެއާހައުސް ލީސް ނުކުރެވޭނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
ތިލަފުށިން ދޫކުރާ ވެއާހައުސަށް ކުރިމަތިލާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ 3 ޖޫން 2021 އެވެ.