އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގުމާބެހޭ ގަވާއިދު އާއްމުކޮށްފި

11 މެއި 2021 - 11:38

ލައިސަންސަކާއެކު ފަތުރުވެރިކަމަށް ދޫކުރާ ރަށެއްގައި ތަފާތު އެކި ޓޫރިސްޓް ފެސިލިޓީތައް ތަރައްޤީކުރުމުގެ ފުރުސަތު ލިބޭގޮތަށް އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގުމާބެހޭ ގަވާއިދު ގެޒެޓްކޮށްފިއެވެ.

ރާއްޖޭގައި މިހާތަނަށް ރިސޯޓްތަށް ތަރައްޤީކޮށްފައިވަނީ ވަން އައިލެންޑް ވަން ރިސޯޓް ކޮންސެޕްޓަށެވެ.ނަމަވެސް 2020 ވަނަ އަހަރުގެފަހުކޮޅު ޓޫރިޒަމް ޤާނޫނަށް ގެނައި އިސްލާހާއެކު އިންޓަގްރޭޓަށް ރިސޯޓްތައް ތަރައްޤީކުރުމުގެ ފުރުސަތުވަނީ ފަހިވެފައެވެ. އަދި މިހާރު ޓޫރިޒަމް މިނިސްޓްރީން މިވަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތައް ތަރައްޤީކުރުމާއި ގުޅޭ ޤަވާއިދު ނެރެފައެވެ.

އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުގައި ވަކިވަކި ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނީ،ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓެލް، ޓޫރިސްޓް ގެސްޓްހައުސް، ފީނުމުގެ ޚިދުމަތް ދޭ ތަންތަން، ފަތުރުވެރިންނަށް ބޭނުންވާ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން، ފަތުރުވެރިންނަށް އަމާޒުކޮށްގެން ހިންގާ ރީޓެއިލް ވިޔަފާރިތައް އަދި މި ޚިދުމަތްތަކުގެ އިތުރުންވެސް ފަތުރުވެރިންނަށް އަމާޒުކޮށްގެން ފޯރުކޮށްދެވޭ އެހެނިހެން ޚިދުމަތްތައް ދިނުމުގެ ފުރުސަތު ލިބެއެވެ. އަދި މިހާރު ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓްތަކަށްވެސް ކަނޑައެޅިފައިވާ ފީ އެއް ދެއްކުމަށްފަހު ރިސޯޓް އިންޓަރގްރޭޓަޑް ރިސޯޓަށް ބަދަލުކޮށްލެވޭ ކަމަށް ޤަވާއިދުގައިވެއެވެ. އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓެއް ހިންގުމަށްދެވޭ ލައިސަންސްގެ މުއްދަތަކީ 20 އަހަރުދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީ ގެޒެޓް ކޮށްފައިވާ އިންޓަގްރޭޓޭޑް ޓޫރިސްޓު ރިސޯޓު ތަރައްގީކޮށް ހިންގުމާ ބެހޭ ގަވައިދު ބުނާގޮތުން، ސަރުކާރުގެ ޓޫރިިޒަމް ރިއަލް އެސްޓޭޓު ޑިވެލޮޕްމެންޓު ޕްރޮޖެކްޓެއް ހިންގުމަށް ކުއްޔަށް ދުކުރާ ފަޅު ނުވަތަ ބިމުގައި ތަރައްގީކުރާ އިންޓަގްރޭޓޭޑް ޓޫރިސްޓް އިސީޓުގެ ބިމުގެ ސަރަހައްދުގެ މަދުވެގެން 50 ޕަސެންޓުގައި، ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކިން ކޮޓަރި ނުވަތަ ވިލާ ތަރައްގީ ކުރަން ޖެހެއެވެ.

މީގެ އިތުރުން، ސްޓްރާޓާ އުސޫލުން ކުއްޔަށް ދިނުމަށް ވަކި ކޮޓަރި ނުވަތަ ވިލާ ނުވަތަ އެޕާޓްމެންޓު ތަރައްގީ ކުރުމަށް ކަނޑައަޅާ ބިމުގެ އިތުރުން އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުގައި ބާކީ އޮންނަ ސަރަހައްދުގައި ވަކިވަކި ޓޫރިސްޓު ރިސޯޓު ނުވަަތަ ޓޫރިސްޓު ހޮޓެލް ނުވަތަ ގެސްޓުހައުސް ތަރައްގީ ކުރެވިދާނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ވިދާޅުވީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓް ތަރައްޤީކުރުމަށް ރަށް، ނުވަތަ ފަޅު، ނުވަތަ ބިން ކުއްޔަށް ދިނުމުގައި އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓެއް ތަރައްޤީކުރަން ހުށަހަޅާ ފަރާތަކީ އެފަދަ މަސައްކަތެއް ކުރުމުގެ މާލީ ޤާބިލުކަން ހުރި ފަރާތެއްކަން ކަށަވަރުކުރާނެ ކަމަށެވެ. އެގޮތުން، އެ ޕްރޮޖެކްޓުގެ އިންވެސްޓްމަންޓުގެ އެންމެ ދަށް މިންވަރު ސަރުކާރުން ކަނޑައަޅައި އެ އަދަދުގެ ވިހި އިންސައްތަ އިންވެސްޓްކުރާނެ މާލީ ޤާބިލުކަން ހުރިކަން ދައްކުވައިދޭ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ ކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއްގެ ދަށުން އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު ތަރައްޤީކޮށް ހިންގުމަށް ދޫކުރެވޭނީ ހަމައެކަނި ސަރުކާރުގެ %100 ހިއްސާ އޮންނަ ކުންފުންޏަކަށްކަމަށް މި ޤަވާއިދުގައިވެއެވެ. އެގޮތުން ޓޫރިޒަމް ރިއަލްއެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށެއް ނުވަތަ ފަޅެއް ނުވަތަ ބިމެއްގެ ކުލީގެ އެއްބަސްވުމާ ގުޅޭ ޙައްޤުތައް އެހެން ފަރާތަކަށް ވިއްކައިލެވޭނީ އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓު ތަރައްޤީކޮށް ހިންގަން ފަށާތާ 10 އަހަރުދުވަސް ވުމުންނެވެ.