“ޖަޒީރާ ސައްލާ” ގެ ނަމުގައި ޑިޖިޓަލް ޕްރޮގްރާމެއް ފަށަނީ

25 ޖެނުއަރީ 2021 - 7:38

ރައްޔިތުންގެ މެދުގައި އުފެދޭ ކަންބޮޑުވުންތަކާއި ގުޅިގެން އުފެދޭ ސުވާލުތަކަށް ޖަވާބު ދިނުމަށް "ޖަޒީރާ ސައްލާ" ގެ ނަމުގައި ޑިޖިޓަލް ޕްރޮގްރާމެއް ފެށުމަށް ސަރުކާރުން ނިންމައިފި އެވެ.

ޖަޒީރާ ސައްލާ އަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރާ ފަރާތްތަކަށް ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް އަދި ޝުއޫރުތައް ހިއްސާ ކުރުމުގެ ފުރުސަތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް ސަރުކާރުން ބުންޏެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވީ ޖަޒީރާ ސައްލާގެ ބޭނުމަކީ ރައްޔިތުންގެ އަޑު އެހުން ކަމަށެވެ. ރައްޔިތުންނާ ގާތުން މަސައްކަތްކޮށް ހިޔާލާ މަޝްވަރާ ހޯދުމަކީ މި ސަރުކާރުގެ ވައުދެއްކަން ފާހަގަކޮށް މަބްރޫކް ވިދާޅުވީ ޑިޖިޓަލްކޮށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގެ ސަބަބުން ރައްޔިތުންގެ ސުވާލުތަކަށް ފަސޭހަ ކަމާއެކު ޖަވާބު ލިބިގެން ދާނެ ކަމަށެވެ.

މީގެ ކުރިންވެސް ސަރުކާރުން ވަނީ ޖަޒީރާ ހޮޅުއަށި ނަމުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފަ އެވެ. މަބްރޫކް ވިދާޅުވީ އެއް ބައްދަލުވުންތައް ހުއްޓާލީ ކޮވިޑާ ގުޅިގެން ކަމަށެވެ. އެ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ އެ ބަޔަކު އެއްތަނަކަށް ޖަމާވެ ސުވާލުތައް ކޮށް މަޝްވަރާ ކޮށްގެންނެވެ.

މަބްރޫކް ވިދާޅުވީ ޖަޒީރާ ސައްލާ ފަށާނެ ވަކި ތާރީހެއް ކަނޑަނޭޅޭ ކަމަށެވެ. ދުވަސްތައް ކަނޑައަޅައި ކަން ކުރާނެ ގޮތުގެ މަޝްވަރާތައް މިހާރު ކުރިއަށް ދާ ކަމަށް އޭނާ ވިދާޅުވި އެވެ.