ހދ. ނެއްލައިދޫ ބަނދަރުގެ %65 މަސައްކަތް ނިމިއްޖެ

6 މެއި 2021 - 10:47

ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ނިމިއްޖެ އެވެ.

މި މަސައްކަތް ކުރާ ކުންފުނި އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން 62,863 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، 331 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން ހިމެނެ އެވެ.

މީގެ އިތުރުން 50 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2,102 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތިއާއި މަގުމަތީ ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.