އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 72.55 މިލިއަންގެ ފައިދާއެއް

3 މެއި 2021 - 16:27

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެމްޓީސީސީ އާންމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ އެމްޓީސީސީއަށް ލިބިފައެވެ. މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާއި އަޅާބަލާއިރު 16.40 ޕަސަންޓު އިތުރު އަދަދެކެވެ.

އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ބަލާއިރުއިރު، ފުރަތަމަ ކުއާޓާގައި ޖުމުލަ 423.12 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާ: 353:53 މިލިއަން ރުފިޔާ) ވިޔަފާރި ކޮށްގެން 82.31 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ: 72.44 މިލިއަން ރުފިޔާ) ވަނީ ރިކޯޑްކުރެވިފައެވެ.

އޭގެ އިތުރުން 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހައް ކެނޑުމަށްފަހު ސާފުފައިދާގެ ގޮތުގައި ވަނީ 61.67 މިލިއަން ރުފިޔާ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 98.52 މިލިއަން ރުފިޔާ) ރިކޯޑްކޮށްފާވެއެވެ. މި ނަތީޖާއާއި އެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.67 ރުފިޔާއަށް އަރާފައެވެ.

2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްގީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓާގައި ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއިއެކު ހިންގާފައެވެ. އެގޮތުން 77 މަޝްރޫއެއްގައި މަސައްކަތްކޮށް ފަސް މަޝްރޫއެއްގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.

އޭގެ އިތުރުން 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއާޓާގައި ވަނީ ފަށާފައެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއް ވެސް މިކުއާޓާގެ ތެރޭގައި ވަނީ ހިންގިފައެވެ. އަދި އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރާއިއެކު ވަނީ ސޮއިކޮށް މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައެވެ. އަދި ކުންފުނީގެ މަޝްރޫއުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައް ވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދީފައެވެ.

އެމްޓީސީސީގެ ވިޔަފާރި ފުޅާކޮށް ހިންގުން ހަރުދަނާކުރުމަށް އަޅަޏްޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތަށް ކުންފުނިން އެކުލަވާލާ، މާކެޓްގެ ހާލަތު ބަދަލުވަމުންދާ ގޮތަށް ރިއާޔަތްކޮށް މުރާޖައާކުރަމުންދާ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި އެމްޓީސީސީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

ނަމަވެސް ކޮވިޑް-19 ގެ ހާލަތައް ބަލާ ފަރުވާތެރިކަމާއެކު ވިޔަފާރިތަކަށް މިހާލަތުގައި ގެންނަން ޖެހޭ ބަދަލުތަށް ގެނެސް، ވިޔަފާރި ކުރިއަރުވާ، ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ހިކްމަތްތެރިކަމާއެކު ފިޔަވަޅުތައް އަޅާ، މިފިޔަވަޅުތަކުގެ ނަތީޖާ ހާސިލްކޮށްފައިވާކަމުގެ އުފާވެރި ހަބަރު އެމްޓީސީސީގެ ހިއްސާދާރުންނަށް އަރުވާ ކަމަށް އެމްޓީސީސީން ބުނެއެވެ.