މާލެ-ތިލަފުށި ބުރިޖު މަޝްރޫއުގެ ކޮންޓްރެކްޓް މިމަހު ހަވާލުކުރަނީ

2 މެއި 2021 - 9:45

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) ނުވަތަ މާލެ-ތިލަފުށި ލިންކް (އެމް.ޓީ.އެލް) މަޝްރޫއުގެ މަސައްކަތް މިހިނގާ މެއި މަހު ކޮންޓްރެކްޓަރާއި ހަވާލުކުރުމަށް ނިންމައިފިއެވެ.

މި މަޝްރޫއަށް ބިޑް ހުށައެޅުމުގެ އެންމެ ފަހު ތާރީހަކީ 05 މެއި 2021 ވާ ބުދަ ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު، މިނިސްޓްރީ އޮފް ފިނޭންސް ގެ ފަރާތުން ހުޅުވާލައިފާވާ މި ޓެންޑަރުގައި ބައިވެރިވުމަށް އިންޑިއާގެ އެގްޒިމް ބޭންކް ގެ ފަރާތުން ވަނީ އިންޑިއާގެ ހަތަރު ކުންފުންޏެއް ވަނީ ޕްރީކޮލިފައި ކޮށްފައެވެ.

މި ހަތަރު ކުންފުންޏަކީވެސް މިފަދަ މަޝްރޫއު ތަކުގެ މަސައްކަތުގެ ތަޖުރިބާ އާއި، މަޝްރޫއުއަށް ބޭނުންވާ ޓެކްނިކަލް މާހިރުކަމާއި ގާބިލިއްޔަތު، އަދި މާލީ ތަނަވަސްކަން ލިބިފައިވާ ކުންފުނިތަކެވެ.

ޖީ.އެމް.ސީ.ޕީ އަކީ މިހާތަނަށް ދިވެހިރާއްޖޭގައި ހިންގޭ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއުއެވެ. އަދި މި މަޝްރޫއުގެ މަސައްކަތް ނިމި، ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖް ބޭނުން ކުރެވެން ފެށުމުން، މާލެ އާއި ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި އިންޑަސްޓްރިއަލް ޒޯން ގުޅާލަދޭ މި ބްރިޖް ވެގެންދާނީ ދިވެހިރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް މަގުފަހި ކުރުވާނެ އިންޖީނެއް ގޮތުގައި ކަމަށް ބެލެވެއެވެ. އަދި މިއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އެއްގެ ދަށުން ތަރައްގީ ކުރެވެމުންދާ ގުޅީފަޅު ޕޯޓްގެ ބޭނުން އެންމެ އެކަށޭނެ ގޮތުގައި ހިފުމަށްޓަކައި ކޮންމެހެން މުހިންމު ބްރިޖް އަދި ކޯސްވޭ ލިންކް އެކެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓް އަކީ ދިވެހި ސަރުކާރުން ޙިޔާރުކޮށްފައިވާ އިނގިރޭސި ވިލާތާއި ހޮންގްކޮންގް ގެ ކުންފުންޏެކެވެ. ރައީސް އިބްރާޙިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގެ އެދިލެއްވުމުގެ މަތިން، މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސް ހަމަޖައްސައިފާވަނީ އިންޑިއާ ސަރުކާރުން ފޯރުކޮށްދީފައިވާ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް އަކާއި 100 މިލިއަން ޑޮލަރުގެ ގްރާންޓެއްގެ ދަށުންނެވެ. މި މަޝްރޫއުގެ މަސައްކަތް ގާތްގަނޑަކަށް ދެ އަހަރުގެ ތެރޭގައި ފުރިހަމަކުރެވޭނެ ކަމަށް ބެލެވެއެވެ.