ވިޒިޓް މޯލްޑިވްސް އިން ސްވިޒަލޭންޑްގެ “ލެޓްސް ގޯ ޓުއާސް” އާ ގުޅިގެން ކެމްޕޭނެއް ފަށައިފި

2 މެއި 2021 - 9:29

ލެޓްސް ގޯ ޓުއާސް އާ ގުޅިގެން ވިޒިޓް މޯލްޑިވްސް އިން ސްވިސް މާކެޓަށް އަމާޒުކޮށް ކެމްޕެއިނެއް ފަށައިފި އެވެ.

އޭޕްރީލުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މިކެމްޕެއިންގެ މަގުސަދަކީ ސްވިސް މާކެޓުގައި ދިވެހިރާއްޖެ އަކީ ރައްކާތެރި އަދި މަގުބޫލް މަންޒިލެއްގެ ގޮތުގަ އި އިޝްތިހާރު ކުރުން ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފަ އެވެ.

ފަތުރުވެރިންނަށާއި ޓްރެވެލް ޓްރޭޑަށް އަމާޒުކޮށް ފެށި އެ ކެމްޕެއިންގެ ދަށުން އޮންލައިން އަދި އޮފްލައިން މާކެޓިން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން ކެމްޕެއިންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ފުރަތަމަ ހަރަކާތަކީ ވާޗުއަލް ޑައިރެކްޓް ކަސްޓަމާ އިވެންޓެކެވެ. އެހަރަކާތުގައި 150 އާއި 200 ދެމެދުގެ ޓްރެވަލް އެޖެންޓުން ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ. އަދި މީގެ އިތުރުން 1900 ޓްރެވެލް ޓްރޭޑް މެންބަރުންނަށާއި 8500 ޕްރައިވެޓް ކްލައިންޓުންނަށް ފޮނުވާ ނިއުސްލެޓާގައި ދިވެހިރާއްޖެ އިޝްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. ހަމަ އެއާ އެކު ދިވެހިރާއްޖޭގެ މައުލޫމާތު ލެޓްސް ގޯ ޓުއާސްގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް 6 މަސް ދުވަހުގެ އައުޓްޑޯ ކެމްޕޭނެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ.

މިގޮތުން ސްވިޒަލޭންޑްގެ ސިޓީއެއް ކަމަށްވާ ޝަފްހައުޒެންގައި ދަތުރުކުރާ ބަހުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރާނެ ކަމަށާއި މި އިޝްތިހާރު 82،000 މީހުނަށް ފޯރާނެ ކަމަށްވެސް އެމްއެމްޕީއާރުސީން ބުނެ އެވެ.

ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރު ޝަފްހައުސެން ސްވިޒަލޭންޑްގައި ފެށި ލެޓްސްގޯ ޓުއާސް އަކީ އެފްރިކާ އާއި، އަރަބި ގައުމުތަކާއި އިންޑިއާ ކަނޑުގެ ގައުމުތަކަށް ހާއްސަ ޓުއާ އޮޕަރޭޓަރެކެވެ. ސައްބީހަށް ވުރެ ގިނަ އަހަރުގެ ތަޖުރިބާއާ އެކު ލެޓްސްގޯ ޓުއާސް އަކީ ސްވިސް އަޕްސްކޭލް މާކެޓު ގައި އެންމެ މަގުބޫލު އެއް ޓުއާ އޮޕަރޭޓަރެވެ. ލެޓްސް ގޯ ޓުއާސް އާއެކު ކުރިއަށް ގެންދާ މި ކެމްޕެއިންގެ ސަބަބުން ސްވިސް މާކެޓުގައި ދިވެހިރާއްޖެއަކީ ރައްކާތެރި މަންޒިލެއްގެ ގޮތުގައި ކުރެވޭނެ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ސްވިޒަލޭންޑަކީ ދިވެހިރާއްޖެއަށް އަށްވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ.