ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް މާލޭގައި ހުޅުވައިފި

2 މެއި 2021 - 9:01

ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ޤާއިމްކޮށް އެތަން ރަސްމީކޮށް މާލޭ ސިޓީގައި ހުޅުވައިފިއެވެ.

ޤައުމީ ބިލިއާޑް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމީޔާތެއްގައި މިތަން ހުޅުއްވައިދެއްވީ އިކޮނިމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއެވެ. މިތަން ހުޅުވުމުގެ ރަސްމީޔާތުގައި ފައްޔާޒުގެ އިތުރުން މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙުމަދު މަހުލޫފާއި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ވަޒީރު ސަންޖޭ ސުދީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މާލެ ސިޓީގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީގައި 12 މޭޒު ވަނީ ބަހައްޓާފައެވެ. އަދި މި ފެސިލިޓީއާއެކު ބިލިއާޑް ވޯލްޑް ޗެމްޕިއަންޝިޕް ބޭއްވުމަށް ރާއްޖެއިން ބިޑް ކުރާނެ ކަމަށް ވަޒީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މި ރަސްމީޔާތުގައި ވާހަކަ ދައްކަމުން ޔޫތް މިނިސްޓަރ އަޙުމަދު މަހްލޫފް ވިދާޅުވީ، މިއީ ކުޅިވަރަށާއި ބިލިއާޑަށް ކުޅުމަށް ލޯބިކުރާ ފަރާތްތަކަަށް އުފާވެރި ދުވަހެއްކަމަށެވެ. އަދި މި ފެންވަރުގެ ހޯލެއް އެޅުމުގެ ފަހަތުގައި ވަނީ ބިލިއާޑް އެސޯސިއޭޝަނުން ދިން އެއްބާރުލުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މަހްލޫފް ވިދާޅުވީ ޔޫތް މިނިސްޓްރީން ހަމައެކަނި އިސްކަންދޭނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބޮޑެތި ފުޓްބޯޅަ ދަނޑުތައް އަޅަން ނޫން ކަމަށާއި، ދެންހުރި ކުޅިވަރުތައް ކުޅޭނެ ތަންތަން ތަރައްޤީ ކުރުމަކީވެސް މިނިސްޓްރީގެ އަމާޒެއްކަމަށެވެ.

މާލޭގައި ގާއިމުކުރި ދުނިޔޭގެ ފެންވަރުގެ ބިލިއާޑް ފެސިލިޓީއެއް ގާއިމުކުރިއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މި ސަރުކާރުން ވަނީ ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ގާއިމުކުރި ޕޫލް ބިލިއާޑް ހައުސްވެސް ހުޅުވާފައެވެ.