ސަރުކާރުގެ ހައުސިންގ މަޝްރޫއުތަކުން ހުރިހައި ފަންތިއެއްގެ މީހުންނަށް ފައިދާ ކުރާނެ: މިނިސްޓަރ އަސްލަމް

28 އެޕްރީލް 2021 - 9:16

މިސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިހުރި ހައުސިންގ މަޝްރޫއުތަށް ހިންގާނީ އެކި ފަންތިތަކުގެ މީހުންނަށް ފައިދާ ކުރާގޮތައްކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރަސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ “ވަން ސެންޓްރަލް ޕާކް ރެސިޑެންޝިއަލް ބިލްޑިންގ” ގެ ބިންގާއެޅުމަށް ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

“ވަން ސެންޓްރަލް ޕާކް ރެސިޑެންޝިއަލް ބިލްޑިންގ” މަސްރޫއުގެ ދަށުން 120 ހައުސިންގ ޔުނިޓް އަޅާއެވެ. މިއީ މެދުފަންތީގެ އާއިލާތަކަށް އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގޮތުން ހިންގާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުއަކީ ސެންޓްރަލް މޮރީޝިއަސްއާއި ރަޝީދު ކާޕެންޓްރީ ކޮންސްޓްރަކުޝަނާއި ގުޅިގެން ހިންގާ މަޝްރޫއުއެކެވެ. މި މަޝްރޫޢުގެ ދަށުން އަޅާ ހައުސިން ޔުނިޓްތަކުގައި ހިމެނެނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެކެވެ.
މި މަޝްރޫއު ނިންމުމަށް އަމާޒު ހިފާފައިވަނީ 2023 ގެ ފެބްރުއަރީމަހަށެވެ.

މި ހައުސިން ޔުނިޓްތަކުގެ ބިންގާ އަޅުއްވާދެއްވައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވީ އެއް ތައްގަޑަކަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ އާއިލާތަކަށް އެންމެ މަންފާކުރަނިވި ގޮތް ނޫންކަމަށެވެ. ނަމަވެސް މިކްސް ޑިވެލޮޕްމަންޓަށް ހައުސިން ޔުނިޓްތައް އެޅުމުން ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެކި ފަންތިތަކުގެ މީހުންނަށް ފައިދާތަކެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

“ވަން ސެންޓްރަލް ޕާކް ރެސިޑެންޝިއަލް ބިލްޑިންގ” އިތުރުން، ކުރިޔަތް އޮތް ދެތިން މަހެއްގައި މާލޭގައި ލަގްޒަރީ ޕްރޮޖެކްޓެއްގެ ގޮތުގައި “ސްލިޓެއަރ” ނަމަކަށް ކިޔާ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައިލެންޑް ވިލާ ތަރައްޤީކުރުމުގެ މަޝްރޫޢެއް ޅ.ޅޮސްއަލާފުށީގައި ކުރިޔަށް އޮތް އަހަރު ތެރޭގައި ފަށާނެކަމަށްވެސް ސެންޓްރަލް މޮރީޝަސްއިން ވިދާޅުވެއެވެ.