ހައި ސްޕީޑް ފެރީ ނެޓްވޯކަށް 81 މުވައްޒަފަކު އެމްޓީސީސީއިން ހޯދަނީ

26 އެޕްރީލް 2021 - 15:20

“އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކު” މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަތުރުތައް ފެށުމަށް ބޭނުންވާ މުވައްޒަފުން ހޯދަން އެމްޓީސީސީއިން އިއުލާންކޮށްފި އެވެ. މި ހިދުމަތް ފޯރުކޮށްދިނުމަށް ޖުމުލަ 81 މުވައްޒަފުން ހޯދުމަށް އެމްޓީސީސީއިން ވަނީ އިއުލާންކޮށްފަ އެވެ.

ފެރީ ހިދުމަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ގުޅުވާލުމަށް ހަމަޖެހިފައިވަނީ ހއ، ހދ އަދި ށ. އަތޮޅެވެ.

ފެރީ ނެޓްވޯކު ފެށުމަށްޓަކައި 81 މުވައްޒަފަކު ހޯދުމަށް އެމްޓީސީސީއިން އިއުލާންކޮށްފައިވާއިރު މީގެތެރޭގައި ހިމެނެނީ ފެރީ ކޮންޑަކްޓަރުންނަށް 46 ވަޒީފާއާއި، ސްޕީޑް ބޯޓު ކެޕްޓަނުންގެ ގޮތުގައި 34 ވަޒީފާއާއި، އޮޕަރޭޝަންސް އޮފިސަރުންގެ ގޮތުގައި 1 ވަޒީފާއެވެ. މީގެތެރެއިން %50 ވަޒީފާ ހާއްސަކޮށްފައިވަނީ އަންހެނުންނަށެވެ.

އެ ހުރިހާ ވަޒީފާތަކުގެ މުއްދަތަކީވެސް އެއް އަހަރު ދުވަހެވެ. އަދި ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރާނީ މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެވެ.

ފެރީ ކޮންޑަކްޓަރުންނާއި ސްޕީޑް ބޯޓު ކެޕްޓަނުންނަށް މުސާރައާއި އިނާޔަތްތަކާއެކު 10،000ރ ލިބޭނެ އެވެ. އަދި ޕެންޝަން ސްކީމްއާއި ސްޓާފް މެޑިކަލް އިންޝުއަރެންސްގައި ވެސް ބައިވެރި ކުރާނެ އެވެ.

އޮޕަރޭޝަންސް އޮފިސަރުގެ މުސާރައަކީ އިނާޔަތްތަކާއެކު 12،000ރ އެވެ. އަދި ޕެންޝަން ސްކީމްއާއި މެޑިކަލް އިންޝުއަރެންސްގައި ބައިވެރިކުރުމުގެ އިތުރުން އިތުރުގަޑީގެ ފައިސާ ވެސް ހަމަޖެހިފައިވާ އުސޫލުން ލިބޭނެ އެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާނީ މެއި 31 ވަނަ ދުވަހުގެ މެންދުރުފަހު 3:00އަށެވެ.