އެމްޑަބްލިއުއެސްސީގެ 25 އަހަރުގެ މަސައްކަތްތަކާއިގުޅޭ ފޮތެއް ނެރެފި

21 ޖެނުއަރީ 2021 - 9:48

މާލޭ ވޯޓާ ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް އެކުލަވައިލާ، ޝާއިއުކޮށްފައިވާ ފޮތެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އަރުވައިފި އެވެ.

މި ފޮތް އެ މަނިކުފާނަށް އަރުވާފައި ވަނީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި އެމްޑަބްލިއުއެސްސީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން ޝާހެވެ.

މި ފޮތަކީ އެމްޑަބްލިއުއެސްސީގެ ރިހި ޔޫބީލް ފާހަގަކުރުމުގެ ގޮތުން އެ ކުންފުނީގެ ދިގު ތާރީހުގެ މައްޗަށް ބިނާކޮށް ޝާއިއު ކޮށްފައިވާ ފޮތެކެވެ. ފޮތުގައި އެ ކުންފުނީގެ 25 އަހަރުގެ ދިގު ތާރީހުގައި ހާސިލު ކޮށްފައިވާ ލަނޑުދަނޑިތަކުގެ ތަފްސީލު ވަނީ ހިމަނާފައެވެ. އަދި ކުންފުނީގެ މަސައްކަތް ފެށުނީއްސުރެ މާލޭގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ހާލަތު އެކި ދުވަސްވަރުގެ މަތިން ބަދަލުވަމުން އައިސްފައިވާ ގޮތް ބަޔާންކޮށްފައި ވެއެވެ.


އެމްޑަބްލިއުއެސްސީ އަށް 25 އަހަރު ފުރުމާއި ގުޅިގެން އިއްޔެ ވަނީ އެ ކުންފުނީގެ ލޯގޯ އަށް ބަދަލުގެނެސް ލޯގޯވެސް އަލުން އިފްތިތާހު ކޮށްފަ އެވެ.