“ޕްލާސްޓިކާ ނުލައި” ގެ ނަމުގައި ޕްލާސްޓިކާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއް ފަށައިފި

26 އެޕްރީލް 2021 - 15:11

އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކުގެ މައްސަލައަށް ހޭލުންތެރިކުރުވުމަށް "ޕްލާސްޓިކާ ނުލައި" ގެ ނަމުގައި އާއްމުން ހޭލުންތެރި ކުރުވުމުގެ ގައުމީ ކެމްޕެއިނެއް ސަރުކާރުން ފަށައިފި އެވެ.

އެ ކެމްޕެއިން ރަސްމީ ކޮށް އިފްތިތާހު ކުރެއްވީ މިރޭ ބޭއްވި ވާޗުއަލް އިވެންޓެއްގައި އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން އެވެ.

އެ އިވެންޓުގައި ސަރުކާރުގެ "ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން" ރަސްމީކޮށް ދައްކާލި އެވެ. އެ ޕްލޭންގެ ދެލި ކޮޕީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ވެބްސައިޓުން ބަލާލެވޭޭނެ އެވެ.

އެ ކެމްޕޭން ހިންގަން ނިންމާފައި ވަނީ ސަރުކާރުގެ އެކި މުވައްސަސާ ތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތަކާވެސް ގުޅިގެންނެވެ.

ކެމްޕޭން ފެށުމަށް ބެއްވި އިވެންޓުގައި ސިންގަލްޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕްލޭން ތަންފީޒުކުރުމުގައި ޝާމިލްވާ އެކި މުވައްސަސާ ތަކުގެ މެސެޖުތަކެއް ދައްކާލާފައިވެ އެވެ.

އެ ކެމްޕޭންގެ ދަށުން އެކި މުވައްސަސަތަކާ ގުޅިގެން ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގައި ކުރެވިގެންދާނެ މަސައްކަތްތަކާ ބެހޭ މައުލޫމާތު ދީ އެކަންކަމަށް އާންމުން ހޭލުންތެރި ކުރުވާނެ ކަމަށް އެންވަޔަރަމެންޓް މިނިސްޓްރީއިން ބުންޏެވެ.

ގާނޫނީ ގޮތުން ގެނެވޭ ބަދަލުތަކާއި ޕްލާސްޓިކާ ނުލައި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކުރެވޭނެ ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓް ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތްތަކުގެ މައުލޫމާތުވެސް ދެވޭނެ ކަމަށް މިނިސްޓްރީއިން ބުންޏެވެ.

އެއްފަހަރު ބޭނުންކޮށްފާ އުކާލާ ޕްލާސްޓިކް ރާއްޖޭގައި އުފެއްދުމާއި، އެތެރެކުރުމާއި އަދި ބޭނުންކުރުން މަނާކުރުމަށް ސިންގަލް ޔޫސް ޕްލާސްޓިކް ފޭސް އައުޓް ޕެލޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާސްކުރެއްވީ ނޮވެމްބަރު 5، 2020ގަ އެވެ.

އަދި، އެކްސްޕޯޓު އިމްޕޯޓު ގާނޫނުގެ ދަށުން ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ކުރާ ސިންގަލްޔޫސް ޕްލާސްޓިކްގެ ވަކި ބާވަތްތަކެއް މަނާކުރުމަށް ރައީސް ސޯލިހު ވަނީ ޑިސެމްބަރު 30، 2020 ގައި ގަރާރެއް ފާސްކޮށްދެއްވާފަ އެވެ. އެ ގަރާރުގެ ދަށުން 12 ބާވަތެއް ޕްލާސްޓިކް 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުމަށް ވަނީ ނިންމާފަ އެވެ.