ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 5 ކޯހެއް ހިންގުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއިއެކު ސޮއެކޮށްފި

26 އެޕްރީލް 2021 - 6:58

ކޯވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ޒުވާނުންނަށް ޚާއްސަ ޕްރޮގްރާމް "ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް"ގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާގެ 05 ކޯހެއް ހިންގުމަށް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާއިއެކު ފަހުމުނާމައިގައި ސޮއެ ކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

މި އެއްބަސްވުން ހަވާލުކޮށް ދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހިމް ޙަސަން އެވެ.

މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ހިންގުމަށް ހަވާލުކުރެވިފައިވާ 05 ކޯހަކީ:

  1. National Certificate III in Boat Operation
  2. National Certificate III in Jewelry Design
  3. National Certificate III in Snorkeling Guide
  4. National Certificate III in Sports Fishing Guide
  5. National Certificate III Surf Guide

މި 05 ކޯހުގައި 100 ދަރިވަރުން ތަމްރީނުވެގެން ވަޒީފާގެ ބާޒާރަށް ނުކުތަމަށް ތައްޔާރުކުރެވިގެން ދާނެއެވެ.

މި މިނިސްޓްރީއިން 2019 ގައި ކުރިޔަށް ގެންދިޔަ ޓްރެއިނިންގް ނީޑް އެނަލިސިސްއަށް ބަލައި، ޓުއަރިޒަމާއި ޓުއަރިޒަމާ ގުޅުންހުރި ކޮންސްޓްރަކްޝަން ދާއިރާތަކާއި އައިސީޓީ އަދި އެ އެނަލިސިސްގައި ފާހަގަ ކޮށްފައިހުރި އެހެނިހެން ދާއިރާތަކުން ލެވެލް 3 ގެ ކޯސްތައް މި ޕްރޮގްރާމުގެ ދަށުން ހިންގުމަށް ހަމަޖައްސާފައިވެއެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް އަކީ ދިވެހި ސަރުކާރުގެ އިސްނެންގެވުމުގެ ދަށުން ކޮވިޑުގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ އިޤްތިޞޯދު އަލުން ނެގެހެއްޓުމަށް ތައްޔާރުވާ އިރު އެކި ޞިނާޢަތްތަކަށް ބޭނުންވާ ދިވެހީން ތަމްރީނުކުރުމަށް ފެށިގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް މިޝިޔާރުގެ ދަށުން ދިވެހި ޒުވާނުން، ވަޒީފާއަށް ބޭނުންވާ ހުނަރު ތަކާއި އެކު، ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއް ފެށުމަށް ބޭނުންވާ މުހިއްމު ބައިތައް އުނގެނި، ހުނަރުވެރި، ޤާބިލް، އުފެންދުންތެރި، އަދި ޒިއްމާދާރު ދިވެހި ރައްޔިތަކަށް ހެދޭނެއެވެ.

މިޕްރޮގްރާމްގެ ސަބަބުން ދިވެހި ރާއްޖޭގެ ސިނާޢަތްތަކަށް ބޭނުންވާ ހުނަރުވެރި ދިވެހިން ވަޒީފާގެ ބާޒާރަށް ނެރުމާއި، އިޤްތިސޯދީ ހަރަކާތްތަކުގައި ބައިވެރިވުމަށް މަގުފަހިވެގެންދާނެއެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ފަރުދީ ކުރިއެރުމާއިއެކު، ޤައުމުގެ އިޤްތިސޯދަށް އިތުރު ކުރިއެރުމާއި އާރޯކަން ގެނެވި ދިވެހި ޢާއިލާތަކަށް އިތުރު ކުރިއެރުންތައް ލިބޭނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ފަންނީ ހުނަރުވެރި މަސައްކަތްތެރި ކަމުގެ އެކިދާއިރާތަކުން 1200 މީހުން ތަމްރީނު ކުރެވިގެން ދާނެއެވެ.  މިގޮތުން ޓުއަރިޒަމް ދާއިރާއިން 600 އަދި އައިސީޓީ ދާއިރާއިން 200 އަދި ޓުއަރިޒަމް ދާއިރާއާއި ގުޅުންހުރި އިމާރާތް ކުރުމުގެ ދާއިރާއިން 400 ޒުވާނުން ތަމްރީން ކުރެވިގެންދާނެއެވެ.

އަދި، ތަމްރީނު ލިބިގެންދާ ޒުވާނުންގެ 33 އިންސައްތައަކީ އަންހެނުންގެ ބައިވެރިވުން ހިމެނޭ ބައިތަކެއްގެ ގޮތުގައި ވުމަކީ މި ޕްރޮގްރާމްގެ އެންމެ މުހިއްމު އެއް އަމާޒު ކަމުގައި ވެގެން ދާނެއެވެ.

މި ޕްރޮގްރާމްގެ މައިގަނޑު މަޤްސަދުތަކަކީ ވަޒީފާ ބާޒާރަށް މިވަގުތު އެއްމެ ބޭނުންވާ ވަޒީފާގެ ދާއިރާތައް ދެނެގަނެ އެވަޒީފާތަކަށް ބޭނުންވާ މީހުން ތަމްރީނުކުރުމާއި، ރާއްޖޭގައި ޒުވާނުން ވަޒީފާ އަދާ ނުކުރާ މިންވަރު ދަށްކުރުމާއި، ޚާއްސަކޮށް މަދުރަސީ ތަޢުލީމު ނިންމާ ޒުވާނުންނަށް ރާއްޖެއަށް މިވަގުތު ކޮންމެހެން ބޭނުންވާ ވަޒީފާތަކަށް ތަމްރީނުކުރުމާއި، ފަންނީ މަސައްކަތްތެރި ވަޒީފާތަކާމެދު ޢާއްމުން ދެކޭގޮތް ބަދަލުކޮށް، ފަންނީ މަސައްކަތެރި ކަމަށް ލޯބިކުރާ، އަދި ފަޚުރުވެރި މުޖުތަމަޢުއެއް ބިނާކުރުމެވެ.

އަދި ދިވެހިން ބައިވެރިވާ ވާދަވެރި ވަޒީފާ ބާޒާރެއް އުފައްދައި ރާއްޖޭން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ދަށްކުރުމެވެ.

ސްކިލްސް ފޮރ އަ ރެޒީލިއެންޓް ވޯރކްފޯސް ޕްރޮގްރާމް ހިންގުމުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންއާއި  ވޯރލްޑްބޭންކްގެ މީރީ ޕޮޖެކްޓާއި، މިނިސްޓްރީ އޮފް ޓުއަރިޒަމްއާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއި .މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ އެހީތެރިކަން ލިބިގެން ދާނެއެވެ.