ހއ.ކެލާ ލިލީ ހައުސް މަރާމާތުކުރުމުގެ މަސައްކަތް ފަށައިފި

24 އެޕްރީލް 2021 - 10:34

ހއ.ކެލާ ލިލީ ހައުސް މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް މިނިސްޓްރިީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދާއިރާގެ ތެރޭގައި ހިމެނޭ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒު ބުނެފި އެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވަނީ އަކަ އިންވެސްޓްމަންޓް އާއެވެ. މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެވުނީ 3 ފެބްރުއަރީ 2021 ގައެވެ.

ހއ.ކެލާ ލިލީ ހައުސް އަކީ ކުރީ ޒަމާނުއްސުރެ މައުލޫދުގެއެއްގެ ގޮތުގައާއި ކިޔަވައި ދިނުމަށް ބޭނުންކުރަމުން އައި އާސާރީ އިމާރާތެކެވެ. ލިލީ ހައުސްގައި މަދަރުސާ ހިންގާފައިވަނީ ޝައިހު އިބްރާހިމް ސްކޫލާއި ލިލީ ޕްރީސްކޫލުގެ ނަމުގައެވެ. މިއީ ގާތްގަނޑަކަށް 80 އަހަރުވެފައިވާ އިމާރާތެކެވެ. އުވައިން ރާނާ އުވަޖަހާ ތަނބުތައް ފަރުމާކޮށްފައިވާ މި އިމާރާތުގައި 1700 އަކަފޫޓު ހުރެއެވެ.

ހއ.ކެލާގައި ސަގާފީ ފަތުރުވެރިކަން ތަރައްގީކުރުމަށްޓަކައި ލިލީ ހައުސް މަރާމާތުކުރުމަށްފަހު އިމާރާތުގައި މިއުޒިއަމް/ގެލެރީ އެއް ގާއިމް ވެގެން ދިޔުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ވަނީ ބުނެފައެވެ.

ކެލާ ލިލީ ހައުސް މަރާމާތުކުރުމުގެ މަސައްކަތް 57 ދުވަސް ތެރޭ ނިންމަން ޖެހެއެވެ. މި މަސައްކަތަށް 447،933 ރުފިޔާ ހަރަދުވެގެންދާނެ ކަމަށް އެ މަރުކަޒުން ބުނެއެވެ.