މާލޭގެ ދެ ސަރަހައްދެއްގައި މިކްސްޑް ރެޒިޑެންޝަލް ފްލެޓް އަޅަނީ

24 އެޕްރީލް 2021 - 10:01

މާލޭގެ ދެ ސަރަހައްދެއްގައި ޑިވެލޮޕްމަންޓް އެންޑް ސޭލް މޮޑެލަށް މިކްސްޑް ރެޒިޑެންޝަލް ފްލެޓު ތަރައްގީ ކުރަން ނިންމައި ޝައުގު ވެރިކަން ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނީ، މާލޭގެ ދެ ބިމެއްގައި މިކްސްޑް ރެޒިޑެންޝަލް ބިލްޑިން އެޅުމަށް ޝައުގުވެރިވާ ފަރާތްތައް އަންނަ ޖޫން މަހުގެ 16 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައި ވާ ކަމަށެވެ. މި މަސައްކަތް ކުރުމަށް ރާޢްޖޭގެ ކުންފުނިތަކުގެ އިތުރުން ބޭރުގެ ކުންފުނިތަކަށް ވެސް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

މާލޭގެ ދެ ސަރަހައްދުގައި އަޅާ ފްލެޓް ވަކިކުރުމަށް ވަނީ ޕްރޮޖެކްޓް އޭ އަދި ބީ ގެ ނަން ދީފައެވެ. އެގޮތުން ޕްރޮޖެކްޓް އޭ ގެ ގޮތުގައި ކަނޑައަޅާފައި ވަނީ 231,073.78 އަކަފޫޓުގެ ބްލޮކް 307 އެވެ. ޕްލޮޓް އޭރިއާ އަކީ 18,946 އެވެ. އެ ބިމުގައި 14 ބުރީގެ އިމާރާތެއް އަޅަން ވަނީ ކަނޑައަޅާފައެވެ. އަދި ޕްރޮޖެކްޓް ބީ ގެ ގޮތުގައި ކަނޑައަޅާފައި ވަނީ 173,229.56 އަކަފޫޓުުގެ ބްލޮކް 319 އެވެ. ޕްލޮޓް އޭރިއާ އަކީ 14,288 އެވެ. އެ ބިމުގައި ވެސް 14 ބުރީގެ އިމާރާތެއް އަޅަން ވަނީ ކަނޑައަޅާފައެވެ.

މި ދެ ޕްރޮޖެކްޓަށް ވެސް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށާއި ނަމަވެސް ކޮންމެ ޕްރޮޖެކްޓަކަށް ހުށަހަޅަން ވާނީ ވަކި ޕްރޮޕޯސަލެއް ކަމަށް އެ އިއުލާނުގައި ވެއެވެ. މި ދެ މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި ދިވެހި ކުންފުނިތަކުން 500،000 ރުފިޔާ ދައްކަން ޖެހެއެވެ. އަދި ބޭރުގެ ކުންފުނިތަކުން 100،000 ޑޮލަރު ދައްކަން ޖެހެއެވެ.

މި ދެ މަޝްރޫއުގެ ބިޑް ރަޖިސްޓްރޭޝަން މި މަހުގެ 29 ގެ ކުރިން ނިންމަން ޖެހޭ ކަމަށް އެފްސީޑީން ބުނެއެވެ. އަދި އޮންލައިންކޮށް ރަޖިސްޓާ ކުރެވޭއިރު 29 އޭޕްރީލްގައި އީމެއިން މެދުވެރިކޮށް ބިޑް ޑޮކިއުމަންޓް ހިއްސާ ކުރާނެ ކަމަށް އެފްޑީސީން ބުނެއެވެ.