ދިވެހި އަސްކަރިއްޔާގެ ޢަދުލުގެ ނިޒާމް ތަޢާރަފުކޮށް، އެމްއެންޑީއެފްގެ އޮފިޝަލް ވެބްސައިޓް އިފްތިތާޙްކޮށްފި

22 އެޕްރީލް 2021 - 11:21

ދިވެހި އަސްކަރިއްޔާގެ ޢަދުލުގެ ނިޒާމް ތަޢާރަފުކޮށް، ޒަމާނީ ބަދަލުތަކާއެކު އެމްއެންޑީއެފްގެ އޮފިޝަލް ވެބްސައިޓް ރީބްރޭންޑްކޮށް އިފްތިތާޙްކޮށްފިއެވެ.

ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ އައު ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއެވެ. މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާާޛާ މާރިއާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އެމްއެންޑީއެފް ވެބްސައިޓަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ފޯރުކޮށްދެމުންގެންދާ ޚިދުމަތްތަކުގެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ. މި ވެބްސައިޓުގައި އެމްއެންޑީއެފްގެ ދައުރާއި އެމްއެންޑީއެފް ލީޑަރޝިޕްގެ މަޢުލޫމާތާއި އެމްއެންޑީއެފް ޔުނިޓްތަކުގެ ކޮމާންޑަރުންގެ މަޢުލޫމާތުތައް ވަނީ ހިމަނާފައެވެ. އަދި، އެމްއެންޑީއެފުން ހިންގާ ހަރަކާތްތަކާއި، އެމްއެންޑީއެފް ހިންގުމުގެ ނިޒާމަށް އަންނަ ބަދަލުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް އައު ވެބްސައިޓުން ފެންނާނެއެވެ.

މި ރަސްމިއްޔާތުގައި އިފްތިތާޙުކުރި އެމްއެންޑީއެފްގެ އައު ވެބްސައިޓާ ބެހޭގޮތުން ޑައިރެކްޓްރޭޓް އޮފް ސިވިލް އެފެއަރޒްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަދުދާން މުޙައްމަދާއި، އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމާންޑިންގ އޮފިސަރ މޭޖަރ އިބްރާހީމް އާޒިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޤާއިމްކުރާ އަސްކަރީ އަދުލުގެ ނިޒާމް އިފްތިތާޙުކޮށްދެއްވީ، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީއެވެ.

އަސްކަރީ ޢަދުލުގެ ނިޒާމަކީ ދުނިޔޭގެ ހުރިހާ އަސްކަރިއްޔާތަކުގައި ވެސް އަމަލުކުރަމުންދާ ނިޒާމެކެވެ. އަސްކަރީ ޢަދުލުގެ ނިޒާމަށް ޢަމަލުކުރަން ފެށުމުން، ސިފައިންގެ މީހެއްގެ މައްޗަށް މައްސަލައެއްގެ ތުހުމަތު ކުރެވޭ ހިސާބުން ފެށިގެން އޭނާގެ މައްސަލަ ނިމުމާ ހަމައަށް އޭނާއާ ދޭތެރޭ ކަންކުރެވިދާނެ ގޮތުގެ ޔަޤީންކަން އެ ނިޒާމުން ލިބިގެންދާނެއެވެ.

އަލަށް ޢަމަލުކުރަން ފަށާ، އަސްކަރީ ޢަދުލުގެ ނިޒާމާ ގުޅޭގޮތުން މިއަދުގެ ރަސްމިއްޔާތުގައި މިލިޓަރީ ޕޮލިސްގެ ހެޑް އޮފް ޕްރޮސެކިޔުޝަން ޑިޕާޓްމަންޓް، ކެޕްޓަން ޢަބްދުލްޣަފޫރު މުޙައްމަދު، މަޢުލޫމާތު ޙިއްސާކުރައްވާފައިވެއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، ޖޭ ސްޓާފުންގެ އިތުރުން ޔުނިޓްތަކުގެ ކޮމާންޑަރުންނާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފާއި ޔުނިޓްތަކުގެ ވޮރަންޓް އޮފިސަރުންނާއި ކޮމާންޑް ސާޖަންޓް މޭޖަރުންގެ އިތުރުން އެންލިސްޓެޑް ލީޑަރުން ބައިވެރިވެލެއްވިއެވެ.