ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގައި ހުކުރު ދުވަހު ނަމާދު ކުރަން ފަށަނީ

22 އެޕްރީލް 2021 - 7:41

ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގައި މިހުކުރު ދުވަހު ނަމާދު ކުރަން ފެށޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޒިކުރާ މިސްކިތް ހުރި ބިމުގައި އަޅާ ވަގުތީ މިސްކިތުގެ ތަޅުން އަޅައި ހިޔާކޮށް ނިމިފައިވާ ކަމަށެވެ.

ކުރީގެ ޒިކުރާ މިސްކިތް ހުރި ބިމުގައި ވަގުތީ މިސްކިތެއް އިމާރާތް ކުރުމަށް ކޮންނަމުން ދަނިކޮށް ވަނީ ބައެއް އާދަޔާ ޚިލާފު ތަކެތި ވެސް ވަނީ ފެނިފައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެ ބިމުން ފެނުނީ މިނިކަށި ތަކެކެވެ. މި މަހުގެ 6 ވަނަ ދުވަހު މިނިކަށިތައް ފެނުނު ނަމަވެސް، މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ދިޔައީ ކުރިއަށެވެ.

އެއަށް ފަހު މި މަހުގެ 7 ވަނަ ދުވަހު އެ ބިމުން ފެނުނީ ބައެއް އާސާރީ ތަކެއްޗެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ ޒިކުރާ މިސްކިތް ހުރި ސަރަޙައްދު ކޮންނަމުން ދަނިކޮށް ފެނުނު ތަކެއްޗާއި ބިނާތަކުގެ ތެރެއިން ފެނުނު ތަކެތި ކަމާ ގުޅޭ ފަންނީ ފަރާތްތަކުން ބަލައި ދިރާސާ ކޮށްފައިވާ ކަމަށެވެ.

އެގޮތުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ވިދާޅުވީ އެ ސަރަޙައްދުން ފެނުނު ތަކެތީގެ ތެރޭގައި މައްޗަންގޯޅީ ބައުމިސްކިތުގެ ތަރަހަ ކަމަށް ބެލެވޭ ހިރިގަލު ބިނާއެއްގެ ތަރަހަ ފެނިފައިވާ ކަމަށާއި ހިރިގަލު 8 ކަން ވަޅަކާއި ދިވެހި އަދި ޢަރަބި ލިޔުން ކަނޑާފައިވާ މަހާނަ ގަލާއި ފެނާ ކާބޯތަކެތި އެޅުމަށް ބޭނުން ކުރާ ކަންވާރު ފަދަ ތަކެތީގެ ބައިތަކެއް ފެނިފައިވާ ކަމަށެވެ. އެ ތަކެތި ވަނީ ތަރިކައިގެ މަރުކަޒުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ވަގުތީ މިސްކިތުގެ މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވައިލެއްވުމަށް ރާއްޖޭގެ ނައިބު ރައީސް ފައިސަލް ނަސީމް މިއަދު އެ ތަނަށް ޒިޔާރަތް ކުރެއްވިއެވެ.