ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތުގެ މުންނާރު އުވަލައި ސާފުކޮށްފި

20 އެޕްރީލް 2021 - 8:31

މާލޭ ހުކުރު މިސްކިތުގެ މުންނާރު އުވަލާ، ސާފުކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިއީ މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސާފުކޮށް، ޒީނަތްތެރިކުރުމަށް މިނިސްޓްރީ އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ސްޓެލްކޯގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަސައްކަތެކެވެ.

ސްޓެލްކޯގެ މި މަސައްކަތަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު ކުރާ މަސައްކަތެކެވެ. މި މަސައްކަތް ސްޓެލްކޯއިން ފެމި މަސައްކަތް އެ ކުންފުނިން ފެށީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ، މިފަދަ ތަންތަނަކީ ރާއްޖޭގެ އިސްލާމީ ތާރީޚާއި ތަރިކައިގެ ފަންނު ފެންނަ މުހިންމު ބިނާތަކެއްކަމަށެވެ. މިފަދަ ބިނާތައް ރައްކާތެރިކޮށް ބެލެހެއްޓުމުގައި އަމިއްލަ ކުންފުނިތަކާއި ޖަމްޢިއްޔާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ސްޓެލްކޯއިން އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން މިފަދަ މަސައްކަތެއް ފަށާފައިވާތީ، މިނިސްޓަރ ޔުމްނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިފަދަ މަސައްކަތެއްގައި އެ ކުންފުނިން ބައިވެރިވެފައިވަނީ، އާސާރީ ބިނާތައް ޙިމާޔަތްކޮށް ބެލެހެއްޓުމުގައި ކުންފުނީގެ އެހީތެރިކަން ފޯރުކޮށްދިނުމަށްކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ. އެކުންފުނިން މީގެ ކުރިންވެސް ވަނީ ހުކުރު މިސްކިތުގެ މުންނާރު ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންގޮސްފައެވެ.

ހުކުރު މިސްކިތު މުންނާރާއި މެދު ޒިޔާރަތް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދަނީ ކަމާ ގުޅޭ ފަންނީ މީހުންގެ އެހީތެރިކަމާއެކުކަމަށް ހެރިޓޭޖް މިނިސްޓްރީން ވިދާޅުވެއެވެ.