އެގްރޯނެޓުން އިތުރު 11 ރަށަކަށް “ކޮންޓްރެކްޓް ފާމިން” ގެ މަސައްކަތައް ހުޅުވާލައިފި

20 ޖެނުއަރީ 2021 - 11:17

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން ކުރިއަށްގެންދާ “ކޮންޓްރެކްޓް ފާމިން”ގެ މަޝްރޫޢު ރާއްޖޭގެ އިތުރު 11 ރަށެއްގައި ފެށުމަށް ތައްޔާރުވެއްޖެއެވެ.
2 ވަނަ ފިޔަވަހީގެ ދަށުން ކޮންޓްރެކްޓް ފާމިންގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ރަށްތަކަކީ، ފ.މަގޫދޫ، ށ. ގޮއިދޫ، ށ. ނަރުދޫ، ބ. މާޅޮސް، ރ. ވާދޫ، ރ. ފައިނު، ނ. މަނަދޫ، ގއ. ނިލަންދޫ. ގއ. ގެމަނަފުށި، ޏ.ފުވަށްމުލައް އަދި ސ. މީދޫ އެވެ. މި ރަށްތަކުން މި މަޝްރޫޢުގައި ބައިވެރިވާން ބޭނުންވާ ދަނޑުވެރިން މިމަހުގެ 26ގެ ކުރިން ރެޖިސްޓްރީވާން ޖެހޭނެ ކަމަށް އެގްރޯ ނެޓުން ހާމަކުރެއެވެ.
އެގްރޯ ނެޝަނަލް ކޯރޕަރޭޝަންގެ ފަރާތުން ކުރިއަށްގެންދާ “ކޮންޓްރެކްޓް ފާމިން”ގެ ދަށުން އެއްބަސްވުންތައް ޤާއިމްކޮށް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ފޯރުކޮށްދީ އެފަރާތްތަކުން ހައްދާ ތަކެތި ދާއިމީކޮށް އެ ކުންފުނިން ގަންނާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް އެމީހުންގެ އުފެއްދުންތައް މާކެޓްކުރެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން ލިބިގެންދާނެއެވެ. އަދި ދިވެހި ދަނޑުވެރިންގެ އުފެއްދުންތަކަށް ހަމަ އަގު ލިބިގެންދާނެއެވެ.
އެގްރޯނެޓްގެ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގެ ފުރަތަމަ ބުރު މިދިޔަ މަހުގެތެރޭގައިވަނީ ލ.އަތޮޅުގައި ފަށާފައެވެ. އެގޮތުން މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް އެގްރޯނެޓުން އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ލ.ގަން، އިސްދޫ، ކަލައިދޫ، އަދި ފޮނަދޫގެ ދަނޑުވެރިންނާ އެކުގައެވެ.
އެގްރޯ ނޭޝަނަލް ކޯޕަރޭޝަންއަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަޤްޞަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ.



MV+