ޅ.ނައިފަރުގައި ތަރައްޤީކުރާ 100 ހައުސިންގ ޔުނިޓް ކުރިއަށްއޮތް 3 މަސްތެރޭ ނިންމާލެވޭނެ: ހައުސިންގ މިނިސްޓްރީ

18 އެޕްރީލް 2021 - 9:00

އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ދަށުން ޅ.ނައިފަރުގައި ސަރުކާރުން ތަރައްޤީކުރާ 100 ހައުސިންގ ޔުނިޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްއޮތް 3މަސްތެރޭ ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މިމަޝްރޫޢަކީ އަތޮޅުތަކަށް ޚާއްސަކޮށްގެން މިސަރުކާރުން ފެށި ފުރަތަމަ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މަސައްކަތެވެ.

އިޖްތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން، ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް އަތޮޅުތެރޭގެ 6 ރަށެއްގައި ސަރުކާރުން މިހާރުވެސް ގެންދަވަނީ ކުރައްވަމުންނެވެ. މި 6 މަޝްރޫޢުގެތެރެއިން އެންމެ ފުރަތަމަ މަސައްކަތް ފެށި އެއް ރަށަކީ ޅ.ނައިފަރެވެ. ނައިފަރުގައި 100ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2020ވަނަ އަހަރުގެ ކުރީކޮޅުއެވެ.

ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާ ހަވާލުކޮށްފައިވާ މިމަޝްރޫޢުގެ މަސައްކަތުގެ ތެރޭގައި ހިމެނެނީ ނައިފަރުގައި ތިން ފަންގިފިލާގެ 3 އިމާރާތާއި، ހަތަރު ފަންގިފިލާގެ 1އިމާރާތް އެޅުމެވެ. މިއީ 100 ހައުސިންގ ޔުނިޓެވެ. މީގެތެރޭގައި ހިމެނެނީ 3 ފަންގިފިލާގެ ކޮންމެ އިމާރާތެއްގައި 24 އެޕާޓްމަންޓާއި ، 4 ފަންގިފިލާގެ އިމާރާތުގައި ހަދާ 28 އެޕާރޓްމަންޓެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވީ 4 އިމާރާތުގެވެސް ކޮންކްރީޓް ހުރިހާ މަސައްކަތްތައް މުޅިން ނިމިފައިވާކަމަށެވެ. މިވަގުތު ކުރިއަށްދަނީ ޔުނިޓްތައް ރޭނުމުގެ މަސައްކަތްތަކާއި، އަދި ސިމެންތި ޖެހުމުގެ މަސައްކަތްތަކެވެ. އެގޮތުން 72 އެޕަރޓްމަންޓްގެ ރޭނުމުގެ މަސައްކަތްވަނީ މުޅިން ނިމިފައެވެ. އަދި 40އެޕަރޓްމަންޓްގައި ސިމެންތި ޖެހުމުގެ މަސައްކަތްވެސްވަނީ ނިމިފައެވެ.

މީގެތެރެއިން ތިން ފަންގިފިލާގެ "ބްލޮކް.ބީ" އިމާރާތުގައި، ރޭނުމާ ސިމެންތިޖެހުމާ އަދި ފުރާޅުގެ މަސައްކަތްތައްވެސްވަނީ މުޅިން ނިންމާފައެވެ. އަދި އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތްތައްވަނީ ފަށާފައެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށްދާކަމަށެވެ. ނައިފަރުގަ އަޅާ 100 ހައުސިންގ ޔުނިޓްގެ ހުރިހާ މަސައްކަތްތައް ޖުލައި މަހުގެ ނިޔަލަށް ނިންމާނެ ކަމަށް މިނިސްޓްރީންވަނީ ވިދާޅުވެފައެވެ. ކުރިން މަސައްކަތްތައް ނިމޭނެކަމަށް ލަފާކޮށްފައިވަނީ އޮގަސްޓްމަހުއެވެ.

މިމަޝްރުޢުގެ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން، ޅ.އަތޮޅު މާފިލާފުށިން ނައިފަރަށް ބަދަލުކުރި އާއިލާއަކަށް ގެއެއް އިމާރާތްކޮށްދިނުމުގެ މަސައްކަތްވެސްދަނީ ކުރަމުންނެވެ.

ނައިފަރުގައި 100ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫޢަކީ ސަރުކާރުން 72.2މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

5400އަށްވުރެ ބޮޑު އާބާދީއެއް އޮންނަ ނައިފަރަކީ ބިން ފުރި ބޯހިޔާވަހިކަމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. 2004ވަނަ އަހަރު ބިން ހިއްކައިގެން ރަށަށް 16ހެކްޓަރުގެ ބިން އިތުރުކުރި ނަމަވެސް، މިހާތަނަށްވެސް އެކަށީގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންގޮސްފައެއް ނެތެވެ.

އަލަށް ހަދާ 100ހައުސިންގ ޔުނިޓް އިމާރާތްކުރަނީ ރަށުގެ ހިއްކި ބިމުގައެވެ. ހިއްކިބިމުން މީގެކުރިން ބައެއް އާއިލާތަކަށް ގޯތިވެސް ދޫކޮށްފައިވެއެވެ. ނައިފަރުން ބޯހިޔާވަހިކަމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ 2012ވަނަ އަހަރުއެވެ.