ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ފޯރުކޮށްދޭނަން: އިންޑިއާ

17 އެޕްރީލް 2021 - 17:58

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުކެނޑުމެއް ނެތި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު ދެއްވައިފިއެވެ.

ޑރ. ޖައިޝަންކަރު އެ ޔަގީންކަން ދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއެކު ނިއުދިއްލީގައި އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ރާއްޖޭގެ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އިންޑިއާއިން ވެދެމުން އަންނަ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެވާނެކަނުގެ ޔަގީންކަން ޑރ. ޖައިޝަންކަރު ދެއްވި ކަމަށެވެ. އޭގެ އިތުރުން ކޮވިޑް-19ގެ ޕެންޑަމިކް ތެރޭގައި އިންޑިއާއިން ދިވެހި ރައްޔިތުންނަށް ވެދިން އެހީތެރިކަމަށްޓަކައި އިންޑިއާ ސަރުކާރަށް ޝާހިދު ޝުކުރު އަދާކުރެއްވި ކަމަށްވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީން ބުނީ، އެ ބައްދަލުވުމުގައި ވެކްސިން ޕްރޮގްރާމްތަކާއި ކޮވިޑުން ރައްކާތެރިވުމަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

މި ބައްދަލުވުމަށްފަހު ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ މުޖްތަމައުގައި ގުޅިގެން މަސައްކަތްކުރުމާއި ރާއްޖޭގައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއުތަކާ ބެހޭ ގޮތުން ދެ ގައުމު ދެމެދު މަޝްވަރާ ކުރެއްވި ކަމަށެވެ.