އެސްޓީއޯ ކޮންސްޓްރަކްޝަންއިން ހެޔޮ އަގުގައި ރަށްރަށަށް ކޮންސްޓްރަކްޝަން ސާމާނު ލިބޭނެ ފަސޭހަ އިންތިޒާމް ހަމަޖައްސަނީ

16 އެޕްރީލް 2021 - 11:57

އެސްޓީއޯ ކޮންސްޓްރަކްޝަންއިން ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން އެސްޓީއޯއިން މިހާރުވަނީ އެކުންފުނިން ރާއްޖޭގައި ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ރަށްރަށުގައި ވިއްކާދިނުމުގެ މަސައްކަތް ކޮށްދޭނެ އެޖެންޓުން ހޯދުމަށް އިޢުލާންކޮށްފައެވެ. އެސް.ޓީ.އޯއިން ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓުން ނެގުމަށް ހަމަޖެހިފައިވަނީ ށ، ނ، ރ، ޅ، އއ، އދ، ވ، މ، ފ، ދ އަދި ތ އަތޮޅުގައެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންސްގެ، ސޭލްސް އެންޑް އޮޕަރޭޝަންސްގެ މެނޭޖަރ ޝިޔާޙް އަޙްމަދު ވިދާޅުވީ އެޖުންޓުނަށްވުމަށް ގިނަ އަދަދެއްގެ ބަޔަކު ޝައުގުވެރިކަން ފާޅުކުރުމުންދާ ކަމަށެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަންގެ އެޖެންޓުންގެ މަސައްކަތަކަށްވާނީ އެސްޓީއޯއިން ވިއްކާ ކޮންސްޓްރަކްޝަން ސާމާނު ކަނޑައަޅާފައިވާ އަތޮޅުތަކުގައި ވިއްކުމެވެ. އެގޮތުން ވިއްކުމަށް ހަމަޖެހިފައިވަނީ ސިމެންތި ،ހިލަ، ހިލަވެލި، ދަގަނޑު، ފްލައިވުޑް، ދަގަނޑު ހޮޅީގެ އިތުރުން ޓިނު އަދި ޓިނާއި ބެހޭ ސާމާނު ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ.

ކޮންމެ އަތޮޅަކުން ނެގުމަށް ހަމަޖެހިފައި ވަނީ 02 (ދޭއް) އެޖެންޓުންނެވެ. އެގޮތުން ނެގޭ އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެޖެންޓު ކަމަށް އެދި ހުށަހަޅާ ކޮންމެ ފަރާތަކަށްވެސް ބީލަން ހުށަހެޅޭނީ ގިނަވެގެން 02 (ދޭއް) އަތޮޅަށެވެ. ރަޖިސްޓަރވުމުގެ ސުންގަޑިއަކީ މިމަހުގެ 18ވަނަ ދުވަސް ކަމަށް އެސްޓީއޯއިން ހާމަކުރެއެވެ. އެސްޓީއޯއިން މިހާރުވެސް ދަނީ އެޖެންޓުން މެދުވެރިކޮށް އެކުންފުނިން ވިއްކާ ކާޑުގެ ބާވަތްތައް އަތޮޅުތެރޭގެ ރަށްރަށަށް ވިއްކަމުންނެވެ. މިބަދަލާއި އެކު އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކާޑުގެ ބާވަތްތައް ވިއްކާ އަގުތަކަށްވަނީ ހެޔޮ ބަދަލެއް އައިސްފައެވެ.