ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ކޮންކްރީޓް ގައު އެރަށަށް ގެންގޮސްފި
15 އެޕްރީލް 2021 - 7:09
ރ. އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައުތައް، 2021 އޭޕްރީލް 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އަދި ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިމަސްތެރޭ ފެށުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ.
މި މަޝްރޫޢުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 221 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލާނެއެވެ.
މީގެ އިތުރުން އަނގޮޅިތީމު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން 166 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖަހައި، 91 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 1110 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހަދާނެކަމަށް އެމްޓީސީސީއިން ބުނެއެވެ.
އަނގޮޅިތީމުގެ މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
މިނިސްޓްރީއޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ ގެ ފަރާތުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) ހާ ހަވާލުކޮށްފައިވާ މި މަޝްރޫޢުއަކީ 44.7 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
މިއީ 2020 އޮކްޓޯބަރ އަށް ވަނަ ދުވަހު އެމްޓީސީސީއާ ހަވާލު ކޮށްފައިވާ މަޝްރޫޢުއެކެވެ. އަދި މި މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައި ވަނީ 2020 އޮކްޓޯބަރ 22 ވަނަ ދުވަހުއެވެ.