ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭގޮތައް ޤާނޫނު ބަދަލުކޮށްފި

20 ޖެނުއަރީ 2021 - 11:14

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކުރި “ސަންސެޓް ގާނޫނު” ގައި އޮތީ އެ ގާނޫނަށް އަމަލުކުރަން ފަށާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ މޭ މަހުގެ ނުވަ ވަނަ ދުވަހަށެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭވޭ ގޮތަށް ގާނޫނު ބަދަލުކުރުމުގެ ބިލް ހުށައެޅީ ހުޅުމާލޭ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒުއެވެ. މި ބިލް ފާސްވީ ވޯޓުގައި ބައިވެރި ވެވަޑައިގަތް 38 މެމްބަރުންގެ އިއްތިފާގުންނެވެ. މި ބިލް ފާސްކުރީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިލެކްޝަންސް ކޮމިޝަނުގެ މެމްބަރުންނާ މަޝްވަރާ ކުރުމަށް ފަހު ގެނައި ބަދަލުތަކާ އެކުގަ އެވެ.

އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ލާޒިމުކޮށްފައި ވަނީ “ލޯކަލް ކައުންސިލްްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު” ގެ ނަމުގައި ފާސްކޮށްފައިވާ އެ ގާނޫނުގެ ދެވަނަ މާއްދާގެ (ށ) ގަ އެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ގާނޫނުގައި ބުނާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިޚާބުގެ ކަންތައްތައް ނިންމާ ނަމަ މޭ ނުވައެއްގެ ކުރިން އިންތިޚާބު ނިންމަން ޖެހެ އެވެ.