ރައީސުލްޖުމްހޫރިއްޔާ ޕޮލިސް ބޯޑު އެކުލަވާލައިފި

12 އެޕްރީލް 2021 - 11:14

ފުލުހުންގެ އާ ގާނޫނުގެ ދަށުން އުފައްދަން ޖެހޭ ޕޮލިސް ބޯޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކުލަވާލައްވައިފި އެވެ.

އެ ގާނޫނު ބުނާ ގޮތުން ފުލުސް ބޯޑު އެކުލުވިގެން ވަނީ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ ރައީސް އައްޔަންކުރައްވާ ދެ މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ ތިން މެމްބަރުންގެ އިތުރުން އާންމުންގެ ތެރެއިން، ކުރިމަތިލާ ދެ މެމްބަރުންނެވެ. އާންމުގެ ތެރެއިން ކުރިމަތިލާ ދެ މެމްބަރުންނަށް ރުހުން ދެނީ މަޖިލީހުންވެ.

ބޯޑު މިހާރު އެކުލެވިގެންވާ ގޮތް:

  1. އަހްމަދު ފަޔާޒް ހަސަން، މ.ހަޒާރީވިލާ
  2. އާއިޝަތު ނޫރާ މުހައްމަދު، ހ.ނޫމުތީ
  3. އަލީ ފާއިޒު، މއ.މަނާގެ
  4. އަހްމަދު ނާޝިދު، މއ.ގޯލްޑަންމޫން
  5. އާދަމް އިބްރާހީމް، ގ.ޑިމްލައިޓް
  6. ހާމިދު އަބްދުލްޤަފޫރު، ހ.ޝޭޑީކޯނާ
  7. ސަފާ ޝަރީފް، ދެތަޑިމާގެ / ސ.ހުޅުދޫ

އެ ހަތް ބޭފުޅުންގެ ތެރެއިން މަޖިލީހުން ރުހުން ދިން ހާމިދާއި ސަފާއާމެދު އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ހާމިދަކީ، ކުރީގެ ރައީސް ވަހީދުގެ ސަރުކާރުގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހައްޔަރުކުރި މީހެކެވެ. އަދި ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރުކޮށް މަޖިލީހަށް ވަދެ ފިލި މީހަކަށްވާތީ އެކަމުގެ ކަންބޮޑުވުން ބައެއް އާންމުން ފާޅު ކުރި އެވެ. އަދި ސަފާ އަކީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީވަކީލުންގެ ޓީމުގައި ހިމެނޭ ބޭފުޅަކަށްވާތީ އެކަމާވެސް ނުރުހުން ފާޅުކޮށްފައިވެއެވެ.

ފުލުސް ބޯޑުގެ މަސްއޫލިއްޔަތަކީ ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު އައްޔަންކުރުމުގައި އެ މަގާމަށް އެކަށޭނެ ފަރާތެއް ވަޒަންކުރުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމާއި ލަފާދޭން ޖެހޭ ކަންކަމުގައި ވަޒީރަށާއި ގާނޫނުގައި ލަފާދިނުމަށް ކަނޑައަޅާފައިވާ ފަރާތްތަކަށް ލަފާދިނުމެވެ.