ބ.ކެންދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

12 އެޕްރީލް 2021 - 7:16

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ބ. ކެންދޫގައި ތަރައްގީކުރާ ފުޓްބޯޅަ ދަނޑުގެ ސަބް ބޭސްގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އެ މަސައްކަތް ކުރުމަށް ހަވާލުކުރެވިފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ހާމަކޮށްފިއެވެ.

އެ ކުންފުނިން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތް ފެށުމުގެ ކުރިން ކުރިޔަށް ގެންދަން ޖެހޭ ސާރވޭގެ މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މިހާރު ކުރަމުން އަންނަނީ އަމަލީ މަސައްކަތްތައް ފެށުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ވެސް ވަނީ މައުލޫމާތު ދީފައެވެ.

މި މަސައްކަތް ޔޫތު މިނިސްޓްރީގެ ފަރާތުން އެ ކުންފުންޏާއި ހަވާލުކުރީ މިދިޔަ ހަފްތާގައެވެ. އާރުޑީސީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް އެފެއާޒް އަހުމަދު ޝުހާދު އެވެ. އަދި  ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ އެވެ.

ކެންދޫގެ އިތުރުން ބ. ދަރަވަންދޫ އަދި ތުޅާދޫގެ ދަނޑުތަކުގެ ސަބް ބޭސް މަސައްކަތްތައް ވެސް ހަވާލުކޮށްފައިވަނީ އާރުޑީސީއާއެވެ. ބ. ދަރަވަންދޫ އަދި ބ. ތުޅާދޫ ފުޓުބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 2.2 މިލިއަން ރުފިޔާއަށް އަދި ބ. ކެންދޫ ފުޓޫބޯޅަ ދަނޑުގެ ސަބްބޭސް އެޅުމަށް އެއްބަސްވެފައިވަނީ 1.6 މިލިއަން ރުފިޔާއަށެވެ.