ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް މުޅި ރާއްޖޭގައި ފެށިގެންދާނެ: މިނިސްޓަރ ނަސީމް

12 އެޕްރީލް 2021 - 5:07

މުޅި ރާއްޖޭގައި ޕްރައިމަރީ ހެލްތުކެއަރގެ އައު މަޝްރޫއެއް ފެށިގެންދާނެކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ، ރައްޔިތުންނާއި ގާތުން ޞިއްހީ ޚިދުމަތްދީ ޞިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޕްރައިމަރީ ހެލްތުކެއަރ ގެ އައު މަޝްރޫއެއް މުޅި ޤައުމުގައިފެށިގެންދާނެކަމަށެވެ.

“ރައްޔިތުންނާއި ގާތުން ޞިއްހީ ޚިދުމަތްދީ ޞިއްހީ ރައްކާތެރިކަން ދުރާލާ ކަށަވަރު ކުރުމުގެ ތެރެއިން މިހާރާއި ކުރިމަގުގެ ޖީލުތަކުގެ ޞިއްހީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް، ޞިއްހީ އިބްތިދާއީ ޚިދުމަތް (ޕްރައިމަރީ ހެލްތުކެއަރ) ގެ އައު މަޝްރޫއެއް މުޅި ޤައުމުގައިފެށިގެންދާނެ. ޕްރައިމަރީ ހެލްތު ކެއަރ ގެ ވިސްނުމަކީ، ހެލްތު ކެއަރ ވޯރކަރުން ކުރީ ސަފުގައި ތިބެގެން އަދި އެހެނިހެން ހެލްތު ޕްރޮފެޝަނަލުންގެވެސް ދައުރު ފުޅާކޮށް ޓީމެއްގެ ގޮތުގައި، ރަށުފެންވަރުގައި، ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޯރުކޮށްދީ، ބަލިވުމުން ޞިއްޙީ މަރުކަޒަށް އައުމުން ފަރުވާ ދިނުމަށްވުރެ، ބަލިތަކުން ރައްކާތެރިވުމަށް ދުރާލާ މަސައްކަތް ކޮށް، ރައްޔިތުންގެ ޖިސްމާނީ، ނަފުސާނީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުން.” މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކޯވިޑް19 ފަދަ ޞިއްޙީ މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދަމަހައްޓާނެކަމަށެވެ.

“ވެކްސިން ޕްރޮގްރާމް އިތުރަށް ހަރުދަނާ ކޮށް ކޮރޯނާ ވައިރަސް އާއި އަދި މިނޫންވެސް ޤައުމީ ވެކްސިން ޕަރޮގްރާމްގެތެރެއިންދެވޭ ވެކްސިންތައް ކަށްވަރުކުރެވިގެންދާނެ. ޞިއްޙީ ކުއްލި ނުރައްކަލެއް އަދި މިފަދަ އެހެން ކާރިސާއަކަށް ތައްޔާރުވުމުގެ ގޮތުން، ދާއިމީ ކަރަންޓީނު ފެސިލިޓީތައް ޤާއިމު ކުރުމާއި، މިހާރު ރާއްޖޭގެ އެކި ހިސާބުގައި ޤާއިމު ކުރެވިފައިވާ ކޮވިޑް ފެސިލިޓީތައް ކުރިމަގުގައިވެސް ބޭނުންކުރެވޭނެހެން ބައްޓަންކޮށް ދެމެހެއްޓޭނެ.” މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

ކޮވިޑް ވެކްސިން ޕްރޮގްރާމުގެ ތެރެއިން އެއްކުރެވިފައިވާ ޒާތީ ޞިއްޙީ މަޢުލޫމާތުތައް ޑިޖިޓަލް ޑޭޓާބޭސްތަކުގައާއި މިފަދަ އެހެނިހެން ޕްލެޓްފޯރމްތަކުގައި ރައްކާތެރިކަމާއިއެކު ބަލަހައްޓާ، މި މަޢުލޫމާތުތަކުގެ އަލީގައި ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތަށް އިތުރަށް ތަރައްޤީ ކުރެވިގެންދާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން ދިވެހި ކޮންމެ ރައްޔިތެއްގެ ފުރިހަމަ ޞިއްހީ މަޢުލޫމާތުގެ ރެކޯރޑެއް ޤަވާޢިދުން އަދާހަމަ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އެއްކޮށް ބެލެހެއްޓުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޞިއްޙީ ޚިދުމަތްތައް މި ފެންވަރަށް ތަރައްޤީ ކުރުމުގައި، ރާއްޖޭގެ ޚާރިޖީ ގުޅުންތަކުގެ ތެރެއިން އެކުވެރި ޤައުމުތަކާއި ދެމެދު އޮންނަ ގުޅުންތައް އަދި ބައިނަލް އަޤްވާމީ ޞިއްޙީ އިދާރާތަކާއިއެކު އޮންނަ ގުޅުންތައް އިތުރަށް ބަދަހ ކުރެވިފައިވާކަން މިނިސްޓަރ ވިދާޅުވިއެވެ. އެފަރާތްތަކުން ރާއްޖޭގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށް އަދި ވަކިން ޚާއްޞަކޮށް “ކޮވިޑް އިޖާބަ” އަށް ދެއްވަމުންގެންދަވާ އެހީތެރިކަންމށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ.