ޖަޕާނުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފި

20 ޖެނުއަރީ 2021 - 11:12

ޖަޕާން ސަރުކާރުން ރާއްޖެއަށް މިތަކެތި ހަދިޔާކޮށްފައިވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް، އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ ދިނުމުގެގޮތުންކަމަށް ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން ވިދާޅުވެއެވެ. ދިވެހިރާއްޖޭން ކޯވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގައި ޖަޕާނުން އަންނަނީ ބޮޑެތި އެހީތަކެއްވަމުންނެވެ.

ޖަޕާނުން ރާއްޖެއަށް 5.6 މިލިއަން ޑޮލަރުގެ ޞިއްޙީ ސާމާނު ހަދިޔާކޮށްފިއެވެ.
ދަރުބާރުގޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް މިތަކެތި ހަދިޔާކޮށްދެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ. އަދި ރާއްޖޭގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރ އަޙްމަދު ނަޞީމެވެ.
އެގޮތުން ޖަޕާނުން ހަދިޔާކުރި ޞިއްޙީ ސާމާނުތަކުގެ ތެރޭގައި ހޮސްޕިޓަލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް 65 ބެޑްސައިޑް މޮނީޓަރާއި، 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމާއި، 19 ޑިފިބްރިލޭޓަރސް، 10 ޕޯޓަބަލް އެކްސްރޭ މެޝިން، 132 ސިރިންޖް ޕަމްޕާއި، 132 ސިރިންޖް ޕަމްޕް އެސެސަރީޒް ހިމެނެއެވެ. މި ތަކެތީގެ އަގު 600 މިލިއަން ޖަޕަނީސް ޔެން ނުވަތަ ގަތްގަނޑަކަށް 5.6 މިލިއަން ޑޮލަރަށް އަރާނެކަމަށްވެސް ޖަޕާން އެމްބަސީން ވިދާޅުވެއެވެ.



MV+