ހިޔާ ފްލެޓުތަކުގެ އަގު 7،500 ރުފިޔާ، ޑައުންޕޭމަންޓު ނުދައްކާ ވަދެވޭނެ

8 އެޕްރީލް 2021 - 1:41

ހިޔާ ފްލެޓުތަކުގެ އަގު 7،500 ރުފިޔާއަށް ވުރެ ބޮޑު ނުވާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ދެއްވައިފި އެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ 7،500 ރުފިޔާ އަކީ ޑައުންޕޭމަންޓު ނުދައްކާ ފްލެޓުތަކަށް ވަންނަން ބޭނުންވާ ފަރާތްތަކުން ދައްކަން ޖެހޭނެ އެންމެ ބޮޑު ކަމަށެވެ. އޭނާ ވިދާޅުވީ ޑައުންޕޭމަންޓު ދެއްކުމަށް ފަހު ފްލެޓަށް ވަންނަ މީހުން މަހު ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެއަށްވުރެ ކުޑަވާނެ ކަމަށެވެ.

ޑައުންޕޭމެންޓު ދައްކައިގެން ފްލެޓައް ވަންނަން ބޭނުންވާ ފަރާތްތަކަށް ދެ ގޮތެއް ހިޔާރު ކުރުމުގެ ފުރުސަތު ދިނުމަށް ވަނީ ނިންމާފައި އެވެ. މިނިސްޓަރު ވިދާޅުވީ ފިނޭންސް މިނިސްޓްރީ އާއި އެޗްޑީސީއާއެކު ސަރުކާރުން މަސައްކަތް ކޮށްގެން އެ ދެ ގޮތަކީ ކޮބައިތޯ ބަލަމުންދާ ކަމަށެވެ.

ޑައުންޕޭމެންޓު ނުދައްކާ ފްލެޓަށް ވަންނަ ފަރާތްތަކުން ޑައުންޕޭމަންޓު 25 އަހަރަށް ބަހާލައިގެން ދެއްކޭގޮތަށް ވަނީ ނިންމާފައި އެވެ.

މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުގެ އަސްލު އަގާ އަޅާބަލާއިރު، މިއީ ކުޑަ އަގެއް ކަމަށެވެ. ކޮންސްޓްރަކްޝަން މަސައްކަތްތަކާއި އެ ފްލެޓުތަކުގައި ކުރަން ޖެހުނު މަސައްކަތްތަކާއި ހޭދައަށް ބަލައި ފްލެޓެއްގެ އަގު 11،000 ރުފިޔާއަށް އަރާ ކަމަށް ވިދާޅުވި އެވެ. އަދި ކުޑަ އަގެއްގައި ފްލެޓުތައް ދޭން ނިންމުމުގެ ބުރަ ބޮޑުވާނީ އެޗްޑީސީއަށް ކަމަށް ވިދާޅުވި އެވެ.

ހައުސިން މިނިސްޓަރު ވިދާޅުވީ ހިޔާ ފްލެޓުތައް އެޅުމަށް ނަގާފައިވާ ލޯނަކީ 3.2 ޕަސެންޓް އާއި ލައިބޯގައި 10 އަހަރަށް، ދެ އަހަރުގެ ގްރޭސް ޕީރިއަޑާއެކު ދައްކަން ޖެހޭ ނޯނެއް ކަމަށެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ފްލެޓުތަކުގެ ގުރުއަތުނެގުމަށްފަހު، ފްލެޓު ލިބޭ މީހުންނާއެކު އެޗްޑީސީ އިން އެއްބަސްވުން އެކުލަވާލާނެ ކަމަށާއި އޭގެ ފަހުން އެތަންތަނަށް ވަނުމަށް ކުރަންޖެހޭ ކަންތައް ކުރަން ތިން މަސް ދޭނެ ކަމަށެވެ.

ހިޔާ ފްލެޓުތަކުގައި ޓައިލްސް ޖެހުމާއި ކޮޓަރި އަދި ފާހާނާ ތަކުގެ ދޮރު ހަރުކުރުމާ ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ ފްލެޓު ލިބޭ މީހުން އަމިއްލައަށެވެ.