އަމިއްލަ ވިޔާފާރި ފަށަން ބޭނުންވާ ޒުވާނުންނަށް “ޕިޗް-އަޕް: ޔޫތް އެންޓްރޮޕްރިނުއާރޝިޕް ޗެލެންޖް” ފަށައިފި

7 އެޕްރީލް 2021 - 11:37

މީރީ ޕްރޮޖެކްޓުގެ ދަށުން ޒުވާނުންނަށް އަމާޒުކޮށްގެން އަމިއްލަ ވިޔަފާރި ފެށުމަށް ޝައުގުވެރިވާ ފަރާތްތަކަށް "ޕިޗް އަޕް- ޔޫތު އެންޓްރަޕްރެނިއާޝިޕް ޗެލެންޖު" ގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މިޕްރޮޖެކްޓަކީ މިނިސްޓްރީ އޮފް ހަޔާ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ގުޅިގެން ވޯލްޑް ބޭންކުގެ އެހީގައި ހިންގާ ފަސް އަހުރު ދުވަހުގެ މަޝްރޫއު އެކެވެ. މަޝްރޫއުގެ އަގަކީ 20 މިލިއަން ޑޮލަރެވެ.

މި ޕްރޮގްރާމު އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ، އިބްރާހިމް ހަސަން އެވެ. މި ޕްރޮގްރާމުގެ ށުން އާ ވިޔަފާރީގެ އުފެއްދުންތެރި ހިޔާލާއި ވިސްނުންތައް ހުށަހެޅުމުން އެކަންތައް ފަށައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީރީ މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި ޓެކްނިކަލް ވޮކޭޝަނަލް ދާއިރާ އާއި ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި އުޅުނު ނަމަވެސް އުމުރުން 18 އަހަރާ 35 އަހަރާ ދެމެދުގެ ދިވެހިންނަށް މި ޕްރޮގްރާމުގައި ބައިވެރި ވެވޭނެ އެވެ. ޕްރޮގްރާމުގައި އަމިއްލަ ގޮތުން ނުވަތަ ތިން މީހުންގެ ޓީމަކުންވެސް ބައިވެރި ވެވޭނެ އެވެ.

ޕްރޮގްރާމުގެ ފުރަތަމަ ފިޔަވައްސަކީ ހިޔާލު ހުށަހެޅުމެވެ. އޭގެ ފަހުން ބޫޓްކޭމްޕް ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރާ ފަރާތްތަކަށް ފައިނަލް ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދޭނެ އެވެ. އެގެ ފަހުން ވިޔަފާރީގެ ހިޔާލުތަައް ރާއްޖެއާއި ބޭރުގެ ޖަޖުން ހިމެނޭ ޕެނަލަކުން ޕިޗް ކުރުމުގެ ފުރުސަތު ދޭނެ އެވެ.

ހުށަހަޅާ ހިޔާލުތަކަށް 10،000 ޑޮލަރާއި 40،000 ޑޮލަރާ ދެމެދުގެ އެހީތެރިކަން ފޯރުކޮށްދޭ އިރު މި ޕްރޮގްރާމަށް ހިޔާލު ހުށަހެޅޭނީ ފަތުރުވެރިކަން، ފަތުރުވެރިކަމާ ބެހޭ އުމްރާނީ މަސައްކަތް އަދި އައިސީޓީގެ އިތުރުން ދަނޑުވެރިކަމާ ގުޅޭ ދާއިރާ ތަކަށެވެ.