މ. މުލަކު އަދި ރ. ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީ އާ ހަވާލުކޮށްފި

7 އެޕްރީލް 2021 - 11:17

މ. މުލަކު އަދި ރ. ހުޅުދުއްފާރު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ.

އެގޮތުން ހައުސިން މިނިސްތްރީގައި ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި، މުލަކު މަގުތަކުގެ ތާރު އެޅުމުގެ ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 106،230،722.25 ރުފިޔާއަށެވެ. މި ކޮންޓްރެކްޓް ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަޝްރޫއުގެ ދަށުން މުލަކުގެ 5.8 ކިލޯމީޓަރުގެ މަގުގައި ތާރު އެޅޭނެ ކަމަށާއި، އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި ބައްތި ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ހުޅުދުއްފާރު މަގުތަކުގެ ތާރު އެޅުމުގެ ޑިޒައިން އެންޑް ބިލްޑް ޕްރޮޖެކްޓް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 88،912،040.55 ރުފިޔާއަށް 390 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.

ހުޅުދުއްފާރު މަގުހެދުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ 3.2 ކިލޯމީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުތަކުގައި ބައްތި ޖެހޭނެ ކަމަށް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ.