ނ. މަނަދޫ އައު ނެރު ކޮނުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢު އެމްޓީސީސީއާއި ހަވާލުކޮށްފި

6 އެޕްރީލް 2021 - 15:34

ނ. މަނަދޫ އައު ނެރު ކޮނުމާއި ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫޢު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން، ބަނދަރު ގައި ބޭނުންކުރަމުން އައި އިހުގެ ނެރު ބަންދުކޮށް، އައު ނެރެއް ކޮނުމާއި، 290 މީޓަރުގެ ބޭރުތޮށި ލުމާއި، 2 މީޓަރު ފުޅާ 244 މީޓަރު ދިގު ކޮންކްރީޓް ޖެޓީ އެއް ހެދުމާއި، ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިއީ 11.29 މިލިއަން ރުފިޔާ އަށް، 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މަޝްރޫއެކެވެ.

މި މަޝްރޫޢު ޙަވާލުކުރުމަށް މިއަދު ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ޙުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލާ ޒީނިޔާ އަޙްމަދު ޙަމީދެވެ.