ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި

6 އެޕްރީލް 2021 - 1:56

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ފަށައިފި އެވެ.

މި މަޝްރޫއުގެ ކޮންސަލްޓެންޓަކީ އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ އެވެ. އެ އޮތޯރިޓީގެ ޓީމެއް އިއްޔެ ވަނީ ގަން އެއާޕޯޓަށް ޒިޔާރަތް ކޮށްފަ އެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އާ ޑޮމެސްޓިކް ޓާމިނަލަކާއި ކޮންޓްރޯލު ޓަވަރެއްގެ އިތުރުން ފަޔާ ސްޓޭޝަން އިމާރަތް ކުރާނެއެވެ. މީގެ އިތުރުން މިހާރުގެ ޓާމިނަލް އިންޓަނޭޝަލަން ޓާމިނަލެއްގެ ގޮތުގައި ތަރައްގީކޮށް ޑިއުޓީ ފްރީ ފިހާރަތަކާއިި ރެސްޓޯރެންޓު އަދި ލައުންޖު ވަސީލަތްތައް ގާއިމް ކުރާނެ އެވެ. އަދި އެއާޕޯޓަށް ދިޔުމަށް އިތުރު މަގެއް ގާއިމުކޮށް ކާގޯ ވަސީލަތްތައްވެސް ތަރައްގީ ކުރާނެ އެވެ. މި ޕްރޮޖެކްޓުގެ ދަށުން އެއާޕޯޓަށް ބޭނުންވާ އާލާތްތައް ހޯދާ، އެއާޕޯޓުގައި ސޯލާ ޕެނަލްވެސް ހަރުކުރާނެ އެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ބުނީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ ރާއްޖޭގެ ދެކުނުގެ މައި ދޮރާށި ކަމަށާއި އެ އެއާޕޯޓު ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީ ކޮށް ފެންވަރު ރަނގަޅު ކުރުމަކީ އދެކުނުގެ އިގްތިސޯދަށް މުހިއްމު ކަމެއް ކަމަށެވެ.

ގަން އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް އަހަރު ފަހުކޮޅު ފަށާނެ ކަމަށްވެސް މިނިސްޓްރީ އިން ބުންޏެވެ.

ގަން އެއާޕޯޓް ހިންގަނީ، ސަރުކާރާއި އެމްއޭސީއެލް އަދި ރާއްޖޭގެ އެންމެ މުއްސަނދި ވިޔަފާރިވެރިން ހިމެނޭ ކާސާ ހޯލްޑިންގްސް ހިއްސާވެގެން އުފައްދާފައިވާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑް (އޭއައިއޭ)އިންނެވެ.

އިންޑިއާގެ އެގްޒިމް ބެންކުގެ ލޯނު އެހީގައި ގަން އެއާޕޯޓު ތަރައްގީ ކުރަން ނިންމާފައިވާއިރު އުތުގައި އޮންނަ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށް ގެންދަނީ އެ ބޭންކުގެ ލޯނު އެހީގަ އެވެ. އެ މަޝްރޫއަށް ކޮންޓްރެކްޓަރުން ޕްރީކޮލިފައިވުމަށް ހުށަހެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން ވަނީ ހުޅުވާލައިފަ އެވެ.