އދ.ހަންޏާމީދޫގެ ފެނުގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި

5 އެޕްރީލް 2021 - 5:32

އދ. ހަންޏާމީދޫގެ ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން ފަށައިފި އެވެ.

ހަންޏާމީދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދާއި ހަންޏާމީދޫ ކައުންސިލްގެ ރައީސް މޫސާ ނާޒިމެވެ.

އެމްޑަބްލިއުއެސްސީން އިން ބުނީ ހައްޏާމީދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމަަށް ބޭނުންވާ ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި ފެން ޕްލާންޓް ބަހައްޓާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން ހަންޏާމީދޫގައި 5.1 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމްކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމުގެ އިތުރުން، ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފެން ރައްކާކުރުމަށްޓަކައި ތިން ތާނގި ވެސް މި މަޝްރޫއުގެ ދަށުން އެ ރަަަށުގައި ބަހައްޓާނެ ކަމަށް އެމްޑަބްލިއުއެސްސީން ހާމަކުރެއެވެ.

މީގެ އިތުރުން، ގޭގޭގައި ފެން މީޓަރު ހަރުކޮށް، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ރަށުގެ ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނީ ވެސް އެމްޑަބްލިއެސްސީންނެވެ.

މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 22 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.