އެޗްޑީސީގެ މިއަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހުކޮށްފި

4 އެޕްރީލް 2021 - 10:19

ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މި އަހަރުގެ އެޕްރެންޓިޝިޕް ޕްރޮގްރާމް އިފްތިތާހު ކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ވާޗުއަލްކޮށްނެވެ.

މިޕްރޮގްރާމް އިފްތިތާޙް ކުރުމަށް ޒޫމް މެދުވެރިކޮށް ބެއްވުނު ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ޑެޕިއުޓީ މިނިސްޓަރ އަލީ ޒަކީ އަހްމަދުގެ އިތުރުން، ޓިވެޓް އޮތޯރިޓީ ހިންގެވުމާއި ހަވާލުވެ ހުންނެވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން މުހައްމަދު ޙާޝިމްއާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) ގެ ޑައިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމް، އަދި އެޗް.ޑީ.ސީ.ގެ މެނޭޖިންގ ޑައިރެކްޓަރ ސުޙައިލް އަހްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެޗް.ޑީ.ސީ އެޕްރެންޓިޝިޕް ޕްރްގްރާމްގައި 60 ދަރިވަރުން އަދި އެޗް.ޑީ.ސީގެ 30 މުވައްޒަފުން ތަމްރީނު ކުރާނެއެވެ. އެޗް.ޑީ.ސީ އިން މި ޕްރޮގްރާމް ކުރިއަށް ގެންދާނީ މޯލްޑިވްސް ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އޮތޯރިޓީ (ޓިވެޓް)ގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ގައިޑްލައިންސްއާއި ސްޓޭންޑާޑްސް އާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

އެޕްރެންޓިޝިޕް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި އެޗް.ޑީ.ސީ އިން ވަނީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމް.އައި.ޓީ) އާއެކު 17 ޑިސެމްބަރ 2020 ވަނަ ދުވަހު އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ. މިޕްރޮގްރާމް ފުރިހަމަ ކުރައްވާ ކޮންމެ ފަރާތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ހާސިލްކުރުމާއިއެކު، މަސައްކަތުގެ ތަޖުރިބާ ލިބިގެންދާނެއެވެ.

މި ޕްރޮގްރާމްގެ ދަށުން ހެވީވެހިކަލް، ވެލްޑިންގ، މޭސަނަރީ، ގާރޑަނިންގ، އިލެކްޓްރިކަލް އަދި ކޮންސްޓްރަކްޝަން ދާއިރާއިން މީހުން ތަމްރީނު ކުރާނެ އެވެ. 4 މަސްދުވަހުގެ މުއްދަތައް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގެ ބައިވެރިންނަށް އެލްވަންސްއެއްގެ ގޮތުން ކޮންމެ މަހަކު 6000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޤައުމަށް ޚިދުމަތް ކުރާނެ ދިވެހިން ތަރައްޤީ ކުރުމުގެ މަޤްޞަދުގައި އެޗްޑީސީއިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ 4 ވަނަ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ފުރިހަމަ ތަރުހީބުގެ ސަބަބުން މި ޕްރޮގްރާމްގައި ކުންފުނީގެ ސްޓޭކް ހޯލްޑަރުންގެ އިތުރުން ވިޔަފާރި ކުންފުނިތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

ސްޕޮންސަރުންގެ ގޮތުގައި 4 ކުންފުންޏަކުންވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ. މި ކުންފުނިތަކަކީ އިލާ މޯލްޑިވްސް، އިނޯކާ ޕްރައިވެޓް ލިމިޓެޑް، އެފް. ޑަބްލިޔު ކޮންސްޓްރަކްޝަން އަދި މުނި އެންޓަޕްރައިޒަސް އެވެ.

ކުންފުނިތަކަށް ހުޅުވާލުމުގެ އެންމެ ބޮޑު ބޭނުމަކީ އެޗްޑިސީ އަދި އެހެން ކުންފުނިތަކާއި ގުޅިގެން ޤައުމުގެ މަސައްކަތުގެ މައުހައުލުގައި ބިނާކުރެނެވި ހުނަރުވެރި ޒުވާނުންތަކެއް އުފައްދާ ވަޒީފާގެ ބާޒާރާށް ނެރުންކަމަށް އެ ކުންފުނިން ބުނެއެވެ. މިޕްރޮގްރާމްގައި ބައިވެރިވާ ކުންފުނިތަށް ނުވަތަ ވިޔަފާރިތަކަށް ލިބޭ ފައިދާތަކުގެ ތެރޭގައި ބޭނުންވާ ފަންނުތަކުން މުވައްޒަފުން އުފެއްދުމުގެ ފުރުސަތު ލިބިގެންދިއުމާއި، އެފަރާތްތަކުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް އެޗްޑީސީން ބުނެއެވެ.

މި ޕްރޮގްރާމްގެ މަޤުސަދަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑަނޭޅި ތިބި ބައިވެރިންނަށް ފުރުސަތުތަކެއް ހުޅުވާލައި ނެޝެނަލް ލެވެލްގެ ސެޓްފިކެޓެއް ހޯދައި ވަޒީފާގެ މައިދާނަށް ނުކުތުމުގައި އެހީތެރިވެދިނުމެވެ. އަދި ވަޒީފާގެ ބާޒާރުގައި އަޅުގަނޑުމެންގެ ޒުވާނުންނަށް، ކުރެވެން ހުރި ކަންތައްތައް، ބިދޭސީންގެ އަތްމައްޗަށް ދޫކޮށްނުލައި އެކަމަށް އެކަށޭނެ މީހުން ތަމްރީން ކުރުމާއި، ޒުވާނުންނަކީ އެއްވެސްވަރަކަށް ފަސްނުޖެހޭ، އަމަލީ މަސައްކަތްތައް ދަންނަ ޤާބިލް ބަޔަކަށް ހެދުމެވެ.