ސަރުކާރުގެ ތަރައްގީގެ ސްޕީޑް: ނަންބަރުތަކުން!

3 އެޕްރީލް 2021 - 5:33

ބައެއް މީހުންނަށް ތަރައްގީއަކީ އިސް އުފުލާ ބަލާލުމުން ކުރި ނުފެންނަ އިމާރާތްކެވެ. ނޫނީ ބްރިޖެވެ. ނުވަތަ މާލެ އިން ފެންނަ ބިޔަ މަޝްރޫއުތައް އެކަންޏެވެ. މި ސަރުކާރަށް މިހާތަނަށް އެއްވެސް ތަރައްގީއެއް ގެނެވިފައި ނުވާކަމަށް ބުނާ މީހުން އެ އިޝާރާތްކުރަނީ މިފަދަ މަޝްރޫއުތަކަށެވެ. ނަމަވެސް މިކަންކަމަކީ ތަރައްގީގެ އެއްބައެވެ. އާބަދީގެ ބޮޑު ބައެއް އެއްތަނަކަށް ޖަމާވެފައި އޮތުމުން މާލެ ސަރަހައްދުގެ ތަރައްގީ މުހިންމެވެ. އަދި އެ މަޝްރޫއުތަކުގެ އަޑުގަދެވެފައި ފެންނަ މިންވަރު ބޮޑެވެ. ނަމަވެސް މާލެ ސަރަހައްދުގައި ބިޔަ ބޮޑު މަޝްރޫއެއްގެ އަމަލީ މަސައްކަތް އަދި މިހާތަނަށް ފެންނަން ނެތުމަކީ މި ސަރުކާރުން ތަރައްގީގެ މަޝްރޫއުތައް ނުހިންގައޭ ބުނަންޖެހޭ ސަބަބެއް ނޫނެވެ.

މި ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް ވަކި ވަކި ރަށްރަށަށް ބަލާލުމުން ފެންނަން އެބަހުއްޓެވެ. އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ އަމިއްލަ މަސައްކަތް ކުރިއަށް އެބަދެއެވެ. މަގުތައް ދަނީ ހަދަމުންނެވެ. ބަނދަރުތައް ހަދައި ބިން ހިއްކުން ކުރިއަށް އެބަދެއެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ސިއްހީ ހިދުމަތް ފުޅާކުރުމަށް އިމާރާތްތައް އެޅުމުގެ އެތައް މަޝްރޫއުތަކެއް އެބަ ކުރިއަށް ދެއެވެ. އެއީ މާލޭގައި އުޅޭ ބަޔަކަށް ފަހަރުގައި ނޭނގި އޮތް ކަމަކަށް ވެދާނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުގެ ކެންޑިޑޭޓުން ނުކުމެ އެ ތިބީ ނަންބަރުތަކަކާ އެކީގައެވެ. އެއީ ތަރައްގީގެ މަޝްރޫއުތަކުގެ ނަންބަރުތަކެވެ. އެއީ، ބަޔަކު ދައްކާ ވާހަކައެއް ގަބޫލުކުރަން ބޭނުން ނޫން ނަމަ އަމިއްލަ އަށް ވެސް ހިސާބު ހަދާލެވޭ ފަދަ ނަންބަރުތަކެކެވެ. ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ގެޒެޓް ބަލާލިޔަސް އެކަން އެނގޭނެއެވެ. ނޫސްތަކުގެ ސުރުހީތައް ބަލަން ބޭނުން ނޫން ނަމަ ރަށްރަށަށް ގުޅާލާފައި އެ ރަށްރަށުގައި ސަރުކާރުން ހިންގާ މަޝްރޫއުތައް ނޯޓުކޮށްލިޔަސް މިދެންނެވި ނަންބަރުތައް ފެންނަނާނެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މި ވަގުތު ވެސް 1،200 މަޝްރޫއު ފަތުއަޑުގައި ކުރިއަށް އެބަދެއެވެ. ބީލަމުގެ މަރުހަލާގައި އެތައް މަޝްރޫއުއެއް އެބަހުއްޓެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށްޓަކައި އެކަން ގާއިމުނުވެ ހުރި ގިނަ ރަށްތަކެއްގެ މަޝްރޫއުތައް މިހާރު ވަނީ ބީލަމަށް ލައި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މަސައްކަތް ހަވާލުކުރި ގިނަ ރަށްރަށުގައި އަމަލީ މަސައްކަތް ވަނީ ފެށިފައެވެ. އަދި ނިމުމުގެ މަރުހަލާގައި ވެސް ގިނަ ރަށްތަކެއް އެބަހުއްޓެވެ. މަސައްކަތް ހަވާލުނުކުރެވި އޮތް 30 ވަރަކަށް ރަށުގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ވެސް ދާދި އަވަހަށް އެކި ފަރާތްތަކާ ހަވާލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި މި އަހަރު ނިމޭ އިރު ހުރިހާ ރަށެއްގައި ވެސް އަމަލީ މަސައްކަތް ފެށުމަކީ ސަރުކާރުގެ އަމާޒެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މި ދައުރު ނިމޭ އިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފެނާއި ނަރުދަމާ ގާއިމުކުރެވިފައި އޮންނާނެ ކަމުގެ ޔަގީންކަން މިހާރު އެވަނީ ލިބިފައެވެ.

ރަށްރަށުގެ އިތުރުން މާލެ ސަރަހައްދުގައި ވެސް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ވަނީ ފަށާފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ސޮއިކޮށް ބައެއް މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އެ ވަނީ ފެށުމުގެ މަގުމަތީގައެވެ. ގައުމީ ބޮޑެތި މަޝްރޫއުތަކަށް ބަލާއިރު މާލޭގެ ވިޔަފާރި ބަނދަރު ތަރައްގީކޮށް ތިލަފުށިން ފެށިގެން މާލެއާ ހަމައަށް ގުޅުވާލުމަށް ހިނގާ ބިޔަ މަޝްރޫއުގެ ބަޖެޓް ހަމަޖެހި މިހާރު އޮތީ ބީލަމުގެ މަރުހަލާގައެވެ. ދާދި އަވަހަށް އެ މަޝްރޫއުގެ ވެސް އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. ޒަމާނުއްސުރެ އުތުގައި ގާއިމުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޓްރާންޝިޕްމަންޓް ބަނދަރު ވެސް ވަނީ ބީލަމަށް ހުޅުވާލާފައެވެ. ހަނިމާދޫ ބައިނަލްއަގުވާމީ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތަށް ވެސް ވަނީ ފަންޑް ހަމަޖެހިފައެވެ. މިހެން ގޮސް ބޮޑެތި އެތައް މަޝްރޫއުތަކެއް އެބަހުއްޓެވެ.

މި ސަރުކާރުގެ ސިޔާސަތު ބައްޓަންވެފައި ވަނީ ވަކި ރަށެއް ބާކީ ނުކޮށް ރާއްޖެ އެކީއެކައްޗަކަށް ތަރައްގީކުރުމުގެ އަސާސްގެ މައްޗަށެވެ. ސަރުކާރުގެ މައި ޕާޓީ އެމްޑީޕީން އިސްވެ ކުރި މަސައްކަތުން ވުޖޫދުކުރި ލާމަރުކަޒީ ނިޒާމަކީ މި އަމާޒަށް ވާސިލްވުމަށް އޮތް މަގެވެ. ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުމަށް ވުޖޫދުކުރި ގާނޫނުން ރަށްރަށަށް ބޮޑެތި ބާރުތަކެއް ވަނީ ދީފައެވެ. އެ ގާނޫނުގެ ފުރިހަމަކަށް މިހާރު ވެސް ފެންނަން ފަށާފައިވާ އިރު އެ ނިޒާމު ބާރު ދުވެލީގައި ހިނގައިގަންނަ ފަށާނީ މި މަހުގެ 10 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ފަހުއެވެ. އެ ނިޒާމުގެ ފޮނިމީރުކަން ލިބެން އޮތީ އެ ގާނޫނު ދަންނަ ބަޔަކު އަދި އެ ނިޒާމަށް ފަރިތަ ބަޔަކު ކައުންސިލްތަކަށް ހޮވިގެންނެވެ. ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމުގެ ރޫހު ހުރި، އަދި އެ ގާނޫނު ލިބިދޭ ބާރުތައް ހެޔޮ ގޮތުގައި ބޭނުންކޮށް، އެ ނިޒާމުގެ ތެރެއިން ރަށްރަށުގެ ތަރައްގީ ހާސިލްކުރެވޭނެކަން ގަބޫލުކުރާ ބަޔަކު ރަށުގެ ވެރިންނަށް އިސްކޮށްގެންނެވެ. ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ސަބަބު ތަރައްގީގެ މަޝްރޫއުތަކުގެ ނަންބަރުތަކަށް ބަލާލުމުން އެއޮތީ ފެންނަށެވެ.