ހދ.ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާޙުކޮށްފި

3 އެޕްރީލް 2021 - 4:14

އެމް.ޑަބްލިޔު.އެސް.ސީއިން ހދ.ކުމުންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް އިފްތިތާޙުކޮށްފިއެވެ. މިމަޝްރޫޢުގެ މަސައްކަތް އިފްތިތާޙުކޮށްދެއްވާފައިވަނީ، ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި، މިކުންފުނީގެ ޗެއާމަން އަލްފާޟިލް އަޙުމަދު މައުސޫމު އާއި މެނޭޖިންގް ޑިރެކްޓަރ އަލްފާޟިލް ހަސަން ޝާހު އާއި މަކުނުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޞިލް މުޙައްމަދު ރާޢީ، ހދ. ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޞިލް މިހައްމަދު ހުސެން އާއީ ކައުންސިލްގެ ނައިބު ރައީސް ހަސަން ހުސެން އާދަމްއެވެ. މި ރަސްމީޔާތުގައި މި ކުންފުނީގެ މެނޭޖްމެންޓްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމްކުރުމަށް ބޭނުންވާ ހޮޅިއާއި އެހެނިހެން ތަކެތި ކުމުންދޫއަށްގެނެވި، ހޮޅިވަޅުލުމުގެ މަސައްކަތާއި  އަދި ފެން ޕްލާންޓް ބެހެއްޓުމަށް ޢިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރެވެމުންނެވެ.

 މި މަޝްރޫޢުގައި ހިމެނޭ ފެނުގެ ނިޒާމް ޤާއިމް ކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯރކް ޤާއިމް ކުރުމާއި، އާރ.އޯ ފެސިލިޓީ ބިލްޑިންގ އިމާރާތް ކުރުމާއި، ފެން އުފެއްދުމަށްޓަކައި 2  އާރ.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި 3 ތާންގި ބެހެއްޓުން ހިމެނެއެވެ. އަދި މީގެ އިތުރުން، ގޭގޭގައި ފެންމީޓަރ ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދީ، މި ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދެވިގެންދާނެއެވެ.

މި މަޝްރޫޢުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 10 ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯރކް ޤާއިމްކުރުމާއި، 2.4 ކިލޯ މީޓަރގެ ޕަންޕިން ލައިން އެޅުމާއި 5 ޕަންޕިންގ ސްޓޭޝަނާއި އަދި 1 ސީ އައުޓް ފޯލް ޤާއިމްކުރުން ހިމެނެއެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ މިގެތަކަށް ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވިގެން ދާނެއެވެ.

 މީގެ އިތުރުން މި މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރ ސެޓާއި ވެހިކަލް އަދި ފެން ތަޙުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

 ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫޢުގެ މުއްދަތަކީ 22 މަސް ދުވަހެވެ. މިމަޝްރޫޢުއަށް ޖުމްލަ  102,170,029.15 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވެއެވެ. މިމަޝްރޫޢުގެ މަސައްކަތް ނިމުމުން  ކުމުންދޫގެ ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ލިބިގެންދާނެއެވެ.