ރ.އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ %70 ނިމިއްޖެ

1 އެޕްރީލް 2021 - 7:19

ރ. އުނގޫފާރުގެ މަގުހެދުމުގެ މަޝްރޫއު ހަލުވި ސްޕީޑެއްގައި އެބަ ކުރިއަށް ދެއެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި ކަމަށްވާ އެމްޓީސީސީ އިން ބުނެފައިވަނީ އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ 70 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މިހާރު ކުރިއަށްދަނީ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތް ފަށާފައިވަނީ މިހަފްތާ އާދިއްތަ ދުވަހު ކަމަށް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީއިން ބުނެފައިވަނީ އެ މަޝްރޫއުގެ ދަށުން 488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާއި 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތްކުރާނެ ކަމަށެވެ. އަދި އޭގެއިތުރުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުމާއި ފެންހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތްވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީއިން ބުނެއެވެ.