މި ވަގުތު 1200 މަޝްރޫއު ކުރިޔަށް އެބަދޭ، މިއީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ މަޝްރޫޢުތަށް ކުރިއަށްދާ ވަގުތު: ރައީސް އޮފީސް

31 މާޗް 2021 - 13:21

މި ވަގުތު ރާއްޖޭގައި 1200 މަޝްރޫއު ކުރިއަށް އެބަދާ ކަމަށާއި، މިއީ ރާއްޖޭގައި އެއްހަފަހަރާ އެންމެ ގިނަ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަށް ފަށައިގެން ކުރިއަށްގެންދާ ވަގުތުކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފަށްޓަވާފައިވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ މި ހުރިހާ މަޝްރޫއުއަކީ ވެސް މި ސަރުކާރުގެ މަޝްރޫއުތައް ކަމަށެވެ.

މަބްރޫކް ވިދާޅުވިގޮތުގައި ކުދި މަޝްރީޢުތަކުން ފެށިގެން ބޮޑެތި ގިނަ މަޝްރޫޢުތަށް ފަށައިގެން ކުރިއަށްދާކަމަށެވެ. ވަކި ރަށެއް ބާކީ ނުކޮށް އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަށް ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކުގައި ކުރިއަށްދާކަން މަބްރޫކް ފާހަގަކުރެއްވިއެވެ.

މަބްރޫކް ވިދާޅުވީ ފާއިތުވި މަސްދުވަހުގެ ތެރޭގައި 9މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް މުޅިން ނިމިފައިވާކަމަށެވެ. އަދި އިތުރު މުޅިން އާ 7 މަޝްރޫޢުއެއްގެ ޢަމަލީ މަސައްކަތް ނިމުނު މަހު ފަށައިގެން ކުރިއަށްދާކަމަށެވެ.

"އަލަށް ފެށި މަސައްކަތްތަކުގައި ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާ، ފެރީ ޓަރމިމަލްތައް ހެދުމާ، ބަނދަރާ ރަށްރަށުގައި އައުޓް ޑޯ ޖިމްތައް ހެދުމުގެ މަސައްކަތް ހިމެނޭ." މަބްރޫކް ވިދާޅުވިއެވެ.

ސަރުކާރުންދަނީ އާބާދީއަށް ނުބަލާ، ހުރިހާ ރަށްތަށް ހިމެނޭހެން މުހިންމު މަޝްރޫޢުތަށް ހިންގަމުންނެވެ. އެގޮތުން އެންމެ މުހިންމު މަސައްކަތެއްގޮތުގައި ފަށާފައިވަނީ ރަށްރަށުގެ ބަދަރުތަށް ތަރައްޤީކުރުމާ، ފެނާ ނަރުދަމާ ނިޒާމުގެ މަސައްކަތްކެވެ. ފެނާ ނަރުދަމާގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްގެ ގޮތުގައި ކަނޑައަޅާ، 2023ގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް ނިންމައި ޚިދުމަތް ފެށުމަކީ ސަރުކާރުގެ ޢަމާޒެވެ.

މިދިޔަ މަހުވެސްވަނީ ގިނަ ރަށްތަކެއްގައި ފެނާ ނަރުދަމާ އެޅުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ. ފެނާ ނަރުދަމާގެ މަސައްކަތް މިވަގުތު ހަވާލުނުކުރެވި ވަނީ 30ރަށުގައި އެކަނި ކަމަށް ޕްލޭނިންގ މިނިސްޓަރ އަސްލަމް މީގެކުރިން ވިދާޅުވެފައިވެއެވެ. ނަމަވެސް މި ރަށްރަށުގެ ޢަމަލީ މަސައްކަތް ހަވާލުކުރުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ދަނީ ކުރިއަށްގެންދަމުންނެވެ.