ކޯވިޑު-19އިގެ ސަބަބުން އަތޮޅުތަކަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ 2 އާއިލާއެއް ރަށަށް ބަދަލުކޮށްދީފި

22 މާޗް 2021 - 12:59

ކޯވިޑު-19އިގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ބަދަލުވެ އަތޮޅުތެރެއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ޖެންޑަރ މިނިސްޓްރީން ކުރިއަށްގެންދާ އަހުލު ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެދުނު ފަރާތްތަކުގެ ތެރެއިން 2 އާއިލާއެއް ރަށަށް ބަދަލުކޮށްދީފިއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން އަތޮޅުތެރެއަށް ދިރިއުޅެން ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ފުރުޞަތުގައި މިހާތަނަށް 13 އާއިލާއަކުން އެކަމަށް އެދިފައިވާކަމަށެވެ.

އަދި މިހާރު ޖެންޑަރ މިނިސްޓްރީގެ ސޯޝަލް ސާރވިސް ޑިޕާޓްމަންޓުން 7 އާއިލާއެއްގެ ހާލަތު ދެނެގަތުމަށް އެސެސްމެންޓްތައް ހަދާ ނިންމާލާފައިވާކަމަށާއި 4 އާއިލާއެއް އެމީހުންގެ ރަށަށް ފޮނުވުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަމަށެވެ. އެ މިނިސްޓްރީން ވިދާޅުވެއެވެ. މިނިސްޓްރީން ވިދާޅުވީ އެހީއަށް އެދުނު އާއިލާތަކުގެ ތެރެއިން 2 އާއިލާއެއް މިހާރު ރަށަށް ބަދަލުވެފައިވާކަމަށެވެ.

މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން އަމިއްލައަށް ރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް ފުރުޞަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން 500 އާޢިލާއަކަށް އަހަރެއްގެ މައްޗަށް 26.7 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

އެހީއަށް އެދޭ ފަރާތުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރުނުވާ އެއް ކުއްޖަކު އެމީހެއްގެ ބެލުމުގެދަށުގައި ހުންނަން ޖެހެއެވެ. އަދި އެމީހެއްގެ ދިރިއުޅުން އެހެން ރަށަކަށް، ދިގުމުއްދަތަކަށް ބަދަލުކުރަން ބޭނުންވި ނަމަވެސް އެކަން ކުރެވޭގޮތް ފަހިވެފައި ނެތުމާއި ބަދަލުވާން ބޭނުންވާ ރަށުގައި ދިރިއުޅޭނެ އިންތިޒާމް ހަމަޖެހިފައިވުން ނުވަތަ އެފަދަ އިންތިޒާމެއް ހަމަޖެއްސޭނެ ފަދަ ގޮތެއް ހުރުން ހިމެނެއެވެ.

މި ޤަވާއިދުގައި ބުނެފައިވަނީ މިޕްރޮގްރާމްގެ ދަށުން ސްކޫލު ކުދިންނަށް ސްކޫލުން ޖާގަ ހޯދައިދިނުމަށާއި ސްކޫލަށް ބޭނުންވާ ތަކެތި ހޯދުމަށް ދަތިވާނަމަ އެކަމަށްވެސް އެހީ ދޭނެކަމަށެވެ. އަދި ސްކޫލަށް ދިއުމަށް އިތުރު މާލީ އެހީ ބޭނުންވާނަމަ އެފަދަ ތަކެތި ގަތުމަށް ލުއި ލޯނު ފަދަ ވަސީލަތްތައް ހޯދުމަށް ދައުލަތުގެ ކަމާ ގުޅުންހުރި މުއައްސަސާތައް މެދުވެރިކޮށް އެހީތެރިވާނެ ކަމަށެވެ.