މާލެ ސްވިމިން ޓްރެކްގެ ޑައިވި ޕްލެޓްފޯމާއި ސްލައިޑް އާންމުންނަށް ހުޅުވާލައިފި

22 މާޗް 2021 - 7:09

މާލޭ ސްވިމިން ޓްރެކްގައި އަލަށް ގާއިމުކޮށްފައިވާ ޑައިވިން ޕްލެޓްފޯމްގެ އިތުރުން ސްލައިޑް އާންމުން ބޭނުންކުރުމަށް ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީގެ އިސް ނެންގެވުމުގެ މަތިން މާލޭގެ ފަތާ ސަރަހައްދަށް ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައި ވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. ކޯވިޑް 19ގެ ހާލަތާ ގުޅިގެން މަސައްކަތަށް ލަސްތަކެއް ކުރިމަތިވި ނަމަވެސް، މިދިޔަ އަހަރުގެ ތެރޭގައި ސްވިމިން ޓްރެކް ސަރަހައްދުގައި ވިއުއިން ޕްލެޓްފޯމެއް ގާއިމުކޮށް، ރަނގަޅު ލައިޓް ސިސްޓަމެއް ޖެހުމުގެ އިތުރުން މޫދަށް އެރޭ ސަރަހައްދު ފުން ކުރުމުގެ މަސައްކަތްވެސް ވަނީ ކޮށްފައެވެ.

އެ ޕްރޮޖެކްޓުގެ ތެރެއިން މިހާތަނަށް ނިންމައިނުލެވި އޮތީ ޑައިވިން ޕްލެޓްފޯމެއްގެ އިތުރުން ވޯޓާ ސްލައިޑް ހަރުކުރުމުގެ މަސައްކަތެވެ. މިނިސްޓްރީ އޮފް ޔޫތު އެންޑް ސޮޕޯޓްގެ ޓުވިޓަރ މެދުވެރިކޮށް އަދި މިނިސްޓަރ އަހުމަދު މަހުލޫފް ޓުވިޓާގައި ހިއްސާ ކުރައްވާފައިވާ ވީޑިއޯއަކާ އެކު އާންމުންގެ ބޭނުމަށް އެ ޕްލެޓްފޯމްގެ އިތުރުން ސަލައިޑްވެސް ހުޅުވާލައިިފައެވެ. އެކަމުގައި އެހީތެރިވި ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވާ އިރު، އެއީ ގިނަ ކުދިންތަކެއްގެ އުންމީދެއް ކަމަށް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުން ސްވިމިންއަށް އިންގިލާބީ ބަދަލުތަކެއް ގެންނަވާކަން މީގެ ކުރިންވެސް މިނިސްޓަރު ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އަތޮޅުތެރޭގައި ސްވިމިން ޓްރެކްޓައް، އެސޯސިއޭޝަނާ ގުޅިގެން ގާއިމުކުރުމުގެ އިތުރުން މާލޭގައި އޮލިމްޕިކް ފެންވަރުގެ ސްވިމިން ޕޫލެއް އެޅުމުގެ މަސައްކަތް ޔޫތު މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.